22 ޖޫން 2020 - 12:50

އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި 889 މިލިއަން ޑޮލަރު ހުރި ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭގެ މަންތްލީ ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ އޭޕްރީލް މަހުގެ ތެރެއިން ރަސްމީ ރިޒާވް ނުވަތަ ގްރޮސް އިންޓަނޭޝަނަލް ރިޒާވްގެ އަދަދު އެންމެ ބޮޑަށް އިތުރުވީ ވެސް މިދިޔަ އޭޕްރީލް މަހު އެވެ. އެހެން ނަމަވެސް މި މުއްދަތުގައި ޔޫޒަބަލް ރިޒާވް ނުވަތަ ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުންްނަ ޑޮލަރުގެ އަދަދު ވަނީ ދަށްވެފަ އެވެ. އޭޕްރީލްގައި ޔޫޒަބަލް ރިޒާވްގައި ހުރީ 230 މިލިއަން ޑޮލަރެވެ. އެއީ މާޗް މަހަށް ވުރެ 39 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
މާޗް މަހު ރަސްމީ ރިޒާވް ހުރީ 741 މިލިއަން ޑޮލަރުގަ އެވެ. ރަސްމީ ރިޒާވް ކަމަށް ބަލަނީ މަރުކަޒީ ބޭންކުގައި ޔޫއެސް ޑޮލަރުން ރިޒާވްގައި ހުންނަ ފައިސާ އަށެވެ. އާންމު ގޮތެއްގައި ޔޫޒަބަލް ރިޒާވްގައި ހުންނަނީ ތިން މަސް ދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ފައިސާ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް އެމްއެމްއޭއިން މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެގޮތުން ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ނަގާފައިވެ އެވެ. މިއާ އެކު ރަސްމީ ރިޒާވު ބޮޑުވުމަށް މަގުފަހިވާނެ އެވެ. ކަރެންސީ ސްވޮޕްގެ އިތުރުން ކޮމާޝަލް ބޭންކުތަކުން ހިންގާފައިވާ މުއާމަލާތްތަކާއި އާންމުންނަށް ފޯރުކޮށްދޭ ޑޮލަރާއި ސަރުކާރުން ހަރަދު ކުރާ މިންވަރަށް ބަލައި މި ބަދަލުތައް ވެސް ރަސްމީ ރިޒާވުން ފެންނާނެ އެވެ.
މިދިޔަ ދެ އަހަރުގެ ތެރޭގައި ރަސްމީ ރިޒާވް އެންމެ ބޮޑަށް މައްޗަށް ގޮސްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެގޮތުން އެފަހަރު ރިޒާވް 938 މިލިއަން ޑޮލަރަށް އެރި އެވެ. އެއަށް ފަހު އެންމެ ބޮޑަށް ރިޒާވް އުފުލުނު މަހަށް މިދިޔަ މެއި މަސް ވާނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒަކީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރިޒާވްގައި ހުރި މިންވަރު އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމެވެ.