21 ޖޫން 2020 - 22:17

ކިޔަވައިދިނުމަށް ޓީޗަރުންނަށް ލައިސަންސް އޮންނަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ތައުލީމާ ބެހޭ ބިލް ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބިލް ދިރާސާ ކުރާ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި، މިނިސްޓަރު ވިދާޅުވީ ފެންވަރު ރަނގަޅު ޓީޗަރުން ހޯދުމަށް "ޓީޗާ ލައިސަންސް" މުހިއްމު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކިޔަވައި ދިނުމުގެ ފެންވަރު ދެމެހެއްޓޭނީ ވެސް ރަނގަޅު ފެންވަރުގެ ޓީޗަރުން ގެނެސްގެންނެވެ. އެ ފެންވަރު ދެމެހެއްޓުމަށްޓަކައި، ޓީޗަރުންގެ ކިބައިގައި ވަކި ޝަރުތުތަކެއް ހުންނަންޖެހޭ ކަމަށް ވިދާޅުވިޔަސް އެ އެންމެންނަކީ އެ ފެންވަރަށް ތައުލީމު ހާސިލް ކޮށްފައި ތިބި ބައެއް ނޫން ކަމަށް އާއިޝަތު އަލީ ވިދާޅުވި އެވެ. ހާލަތު ހުރި ގޮތުން ވަގުތީ ޓީޗަރުން ބޭނުންކުރަން ޖެހޭތީ އެ ކަހަލަ ގޮތަކަށް ބިލް ފަރުމާ ކޮށްދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވި ގޮތުގައި، ތައުލީމީ ބިލަކީ މުޅި ގައުމުގެ ޖީލުތައް ބިނާކުރާ މައިގަނޑު އެއްބައެވެ.
ކިޔަވައި ދިނުމަށް ޚާއްސަ ލައިންސަންސް ހޯދަން ބާރުއަޅާނެ ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުން އެެޑިއުކޭޝަން މިނިސްޓަރު ނެންގެވީ، ކޮވިޑް-19 ގެ މި ބަލިމަޑުކަމުގައި ކިޔަވައި ދިނުމަށް ޓީޗަރުން ކުރި މަސައްކަތެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބަލިމަޑުކަމުން ރައްކާތެރިވުމަށް މާޗު 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ބަންދުކޮށް، ކިޔަވައިދޭން ޖެހުނީ މުޅިން އާ ގޮތަކަށެވެ. ނަމަވެސް ޓީޗަރުން އިސްނަގައި ތެދުވެ، އޮންލައިންކޮށް ކިޔަވައިދިނުމަށް ތަމްރީނު ވެފައިވާ ކަމަށް ވިދާޅުވި އެވެ.
"ލައިސެންސިން އޮންނަން ޖެހޭ. ތައުލީމީ ދާއިރާގައި ރަނގަޅު ގައުމުތަކުގެ ތެރޭގައި، ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ވެސް ޓީޗާ ލައިސެންސިން ބޭނުންކުރޭ. ދަރިވަރުންނަށް ކްލާހަށް ވަންނަ މުދައްރިސަކީ ވެސް ކޮން ކަހަލަ މުދައްރިސެއްކަން އަޅުގަނޑުމެން އެބަޖެހޭ ބަލަން. މުދައްރިސުންގެ ފަރާތުން މައްސަލަތަކާ ދިމާވޭ،" ދެ ގަޑިއިރަށް ދެމިގެން ދިޔަ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.
ތައުލީމާ ބެހޭ ގާނޫނަކީ، "މަންމަގެ އުނގުން ފެށިގެން ކައްވަޅަށް ދާންދެން" އުނގުނުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކުރާ އެއްޗަކަށް ވާތީ، އެ ގާނޫނުގެ ތެރެއަށް ޕްރީ ސްކޫލުގެ ގާނޫނާއި މަތީ ތައުލީމުގެ ގާނޫނު ވެއްދުމަށް ވެސް އާއިޝަތު އަލީ ތާއީދު ކުރެއްވި އެވެ.
ޕްރީ ސްކޫލު ތައުލީމް ފޯރުކޮށްދިނުމަށް މީގެ ކުރިން ވަނީ ގާނޫނެއް ފާސްކޮށްފަ އެވެ.
ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު، ކޮމިޓީގައި ވިދާޅުވީ ޓީޗަރުން ހޯދާ ލައިސަންސާއި މުސާރައާ ގުޅުވިދާނެ ކަމަށެވެ. އެގޮތުން، އެންމެ މަތީ ލެވެލްގެ ލައިސަންސް އޮންނަ މީހާގެ މުސާރަ ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ. އެކަންކަމުގެ އިތުރުން ވަކި މުއްދަތަކަށް އެ ލައިސަންސް އޮތުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
އެފަދަ ޓީޗަރަކަށް ދެ ވަނަ ފަހަރަށް ލައިސަންސް ލިބޭނީ ފުރަތަމަ ލައިސަންސް އޭނާ އަށް ލިބި، އެ މުއްދަތުގެ ތެރޭގަައި ދެން ހުންނަ ޝަރުތުތައް ފުރިހަމަވެގެން ކަމަށް ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވި ގޮތުގައި، ވަކި މުއްދަތެއް ކަނޑައަޅައި ލައިސަންސް މުރާޖައާ ކުރެވިދާނެ އެވެ. އެކަންކަމުގެ އިތުރުން ލައިސަންސް އަތުލެވޭ ގޮތް ވެސް އޮންނަންވާނެ ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަ ކޮށްފި ނަމަ އެ މީހަކަށް ދުވަހަކު ވެސް ލައިސަންސް ނުލިބޭ ގޮތަށް އޮންނަން ޖެހޭނީ. ހުރިހާ އެންމެންނަކަށް ވެސް ހަމައެކަނި ލައިސަންސް ލިބިގެން ސްކޫލުތައް ހިންގަން ވެއްޖެ ނަމަ ސްކޫލުތައް ބަންުދުކުރަން ޖެހޭނީ. ލައިސަންސް ނުލިބި ކިޔަވައިދެވޭނެ ގޮތެއް އޮންނަންޖެހޭ،" އާތިޔާ ވިދާޅުވި އެވެ.
ރާއްޖޭގައި ދާއިމީ ޓީޗަރުންގެ ގޮތުގައި ތިބީ 6،275 ޓީޗަރުންނެވެ. ބިދޭސީ ޓީޗަރުންގެ އަދަދު 1،884 ގައި އުޅޭއިރު ދިވެހި ޓީޗަރުންގެ އަދަދު އުޅެނީ 811 އެވެ.
ތައުލީމީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައި ތިބި ތަޖުރިބާކާރު ބޭފުޅުންނާއި ޓީޗަރުން ތައުލީމީ ދާއިރާ ދޫކޮށް ދިއުމުގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަށް އެ މީހުންގެ ހައްގުތައް ހޯދައިދެވޭ ކަމުގައިވާ ނަމަ ސްކޫލުތަކުގައި ޓީޗަރުން ބޭތިއްބޭނެ ކަމަށެވެ. އެކަންކަމަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކޮމިޓީ މަރުހަލާގައި އޮތް ތައުލީމުގެ ބިލުގައި، ކިޔަވައިދޭ މީހުންގެ ހައްގުތައް އުނިވާ ކަމަށާއި ޓީޗަރުންނަކީ ވަރަށް މުހިއްމު ބައެއް ކަމަށެވެ.
ކިޔަވައިދޭ މީހުންގެ ހައްގުތައް ނެތުމުން، ގާނޫނުގެ ތެރެއިން އެކަމަށް ހައްލެއް ނުވާނެ ކަމަށާއި ޓީޗަރުންނަށް ދޭން ބޭނުންވާ އިނާޔަތްތައް ވެސް އެ ބިލުގައި ހިމަނައިދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު މަޖިލީހަށް ހުށަހެޅި ތައުލީމާ ބެހޭ ބިލުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވެ އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓަރީކޮށް ލައިސަންސް ހޯދަންޖެހެ އެވެ. އެކަމަށް ހާއްސަކޮށްގެން "ޓީޗާސް ރަޖިސްޓްރޭޝަން ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހެ އެވެ.