21 ޖޫން 2020 - 14:52

އޮކްލަހޮމާ (ޖޫން 21) - ކޮރޯނާވައިރަހަށް ޓެސްޓް ކުރުމަކީ "ދެ މިޔަލީ ކަނޑިއަކާ" ކުޅުން ފަދަ ކަމެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަ ކުރައްވައިފި އެވެ.

ވައިރަސް ފެތުރޭތީ އެމެރިކާ ލޮކްޑައުން ކުރި ފަހުން ބޭއްވި ފުރަތަމަ ކެމްޕޭން އެއްވުމުގައި ޓްރަމްޕް ވިދާޅުވީ ޓެސްޓް ކުރާ މިންވަރު މަދު ކުރުމަށް އޮފިޝަލުންނަށް އަންގަވާފައިވާ ކަމަށެވެ. ސަބަބަކީ ގިނައިން ޓެސްޓްކުރި ވަރަކަށް ޕޮޒިޓިވްވާ މީހުން ގިނައިން ފެންނާނެތީ ކަމަށް ވިދާޅުވި އެވެ.
"ގިނައިން ޓެސްޓްކުރުމުގެ ގޯސް ބަޔަކީ، ޓެސްޓް ގިނަކުރި ވަރަކަށް ޕޮޒިޓިވް ކޭސް ގިނަވުން. އެހެންވެ އަޅުގަނޑު އަންގާފައި ވާނީ ޓެސްޓް ކުރާވަރު މަދުކުރަން،" އޮކްލަހޮމާގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގައި މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 25 މިލިއަން ޓެސްޓްކޮށްފަ އެވެ.
ޓެސްޓް ކުރެވޭވަރު މަދު ކުރަން ޓްރަމްޕް އެންގެވީ ސީރިއަސް ކަމެއްގެ ގޮތުގައި ނުވަތަ އެއްވެ ތިބި މީހުން މަޖާކޮށްލުމުގެ ގޮތުން ކަމެއް ނޭނގެ އެވެ.
ނަމަވެސް ވައިޓް ހައުސްގެ އޮފިޝަލަކު ފަހުން ވަނީ ޓްރަމްޕް އެ ވާހަކަ ދެއްކެވީ މަޖަލަކަށް ކަމަށާއި ކޮރޯނާވައިރަހަށް ޓެސްޓް ކުރުމުގައި އެމެރިކާ އުޅޭނީ މާކުރީގައި ކަމަށް ވިދާޅުވެފަ އެވެ.
"ފަޚުރުވެރިކަމާ އެކު ބެނެލެވޭނެ އެމެރިކާގައި މިހާރު ވަނީ 25 މިލިއަނަށް ވުރެ ގިނަ ޓެސްޓްކޮށްފައި ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
އޮކްލަހޮމާގައި ކެމްޕޭން އިވެންޓް ޓްރަމްޕް ބޭއްވީ، ކޮރޯނާވައިރަސް ފެތުރޭތީ، އެ އިވެންޓް ފަސްކުރުމަށް ސިއްހީ އޮފިޝަލުން އެދިފައި ވަނިކޮށެވެ. ކެމްޕޭން އިވެންޓުގެ ކުރިން ވަނީ ޓްރަމްޕުގެ ކެމްޕޭނުގައި އުޅުނު ހަ މީހަކު ޕޮޒިޓިވްވެފަ އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 2,330,769 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 121,983 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް އެމެރިކާ އިން ވަނީ 33,388 މީހުން ޕޮޒިޓިވްވެ 573 މީހުން މަރުވެފަ އެވެ.
ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމަކަށް އެމެރިކާވުމަކީ ލިބުނު ފަޚުރެއް ކަމަށެވެ.