ވައިރަހުގެ ބިރާ އެކު ވެސް ކެމްޕޭން ބައްދަލުވުންތައް ޓްރަމްޕް ފައްޓަވައިފި
ވައިރަހުގެ ބިރާ އެކު ވެސް ކެމްޕޭން ބައްދަލުވުންތައް ޓްރަމްޕް ފައްޓަވައިފި

އޮކްލަހޮމާ (ޖޫން 21) - ކޮރޯނާވައިރަސް ފެތުރޭތީ މީގެ ތިން މަސް ދުވަސް ކުރިން އެމެރިކާ ލޮކްޑައުން ކުރި ފަހުން، ފުރަތަމަ ފަހަރަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭން އެއްވުމެއް ބާއްވައިފި އެވެ.

ވައިރަހުގެ ބިރާ އެކު ވެސް ކެމްޕޭން ބައްދަލުވުންތައް ޓްރަމްޕް ފައްޓަވައިފި
ވައިރަހުގެ ބިރާ އެކު ވެސް ކެމްޕޭން ބައްދަލުވުންތައް ޓްރަމްޕް ފައްޓަވައިފި

މިދިޔަ ހަފުތާގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ޓަލްސާގެ އޮކްލަހޮމާ ސެންޓަރުގައި ބާއްވާ ކެމްޕޭން އިވެންޓަށް ދިއުމަށް މިލިއަނެއްހާ މީހުން އެދިފައިވާ ކަމަށެވެ. ނަމަވެސް 19،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމް ފުރޭ ވަރަށް ވެސް މީހުން ނުދެ އެވެ. އިވެންޓަށް ދިޔަ މީހުން މަދުވި ވަކި ސަބަބެއް ނޭނގެ އެވެ. ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން އިވެންޓަށް ދިޔަ މީހުން ޓްރަމްޕް ސިފަ ކުރައްވާފައި ވަނީ "ހިތްވަރުގަދަ ސިފައިންތަކެއްގެ" ގޮތުގަ އެވެ.

ވައިރަހުގެ ބިރާ އެކު ވެސް ކެމްޕޭން ބައްދަލުވުންތައް ޓްރަމްޕް ފައްޓަވައިފި
ވައިރަހުގެ ބިރާ އެކު ވެސް ކެމްޕޭން ބައްދަލުވުންތައް ޓްރަމްޕް ފައްޓަވައިފި

އިންތިޚާބުގެ ކެމްޕޭން އެއްވުންތަކަށް ސަޕޯޓަރުން ނުދިއުމުގެ ޒިންމާ ޓްރަމްޕް އަޅުވާފައި ވަނީ މީޑިއާގެ ބޮލުގަ އެވެ.

އެމެރިކާގައި ކޮރޯނާވައިރަސް އަދިވެސް ހަލުވިކަމާ އެކު ފެތުރެމުންދާތީ، ކެމްޕޭން އެއްވުންތައް ބާއްވަން އުޅޭތީ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފަ އެވެ.

ރިޕަބްލިކަންގެ ތާއީދު ބޮޑު އޮކްލަހޮމާގައި ޓްރަމްޕް ދެއްވި ދެ ގަޑިއެއްހާ އިރުގެ ދިގު ތަގްރީރުގައި ވެސް ބޮޑަށް އަލިއަޅުވާލެއްވީ ކޮރޯނާވައިރަހަށެވެ. ޓްރަމްޕް ވިދާޅުވީ ޓެސްޓް ކުރާވަރު މަދު ކުރަން އޮފިޝަލުންނަށް އަންގާފައިވާ ކަމަށެވެ. ގިނައިން ޓެސްޓްކުރި ވަރަކަށް ގިނަ މީހުން ޕޮޒިޓިވްވާ ކަމަށް ވިދާޅުވި އެވެ.

ކެމްޕޭނަށް އިވެންޓަށް ދިޔަ މީހުން ބަލިވި ނަމަވެސް ޓްރަމްޕުގެ ކެމްޕޭނުން އެކަމުގެ ޒިންމާ އުފުލަން ނުޖެހޭ ލިޔުމެއްގައި ސޮއިކުރަން ޖެހުނެވެ. ސްޓޭޑިއަމަށް ވެއްދެނީ ހުން ބެލުމަށް ފަހު އެވެ. އިވެންޓުގެ ކުރިން ވަނީ އެ އެއްވުން އިންތިޒާމް ކުރުމުގައި އުޅުނު ހަ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ޓްރަމްޕުގެ ކެމްޕޭން އިވެންޓަކީ އެމެރިކާގައި ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން ބޭއްވި އެންމެ ބޮޑު އިންޑޯ ބައްދަލުވުމެވެ. އަދި އެ ބައްދަލުވުން ބާއްވާފައި ވަނީ އޮކްލަހޮމާގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވަމުންދާ ދުވަސްވަރެއްގަ އެވެ.

އެމެރިކާ އިން މިހާތަނަށް ވަނީ 2,330,769 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 121,983 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް އެމެރިކާ އިން ވަނީ 33,388 މީހުން ޕޮޒިޓިވްވެ 573 މީހުން މަރުވެފަ އެވެ. އޮކްލަހޮމާ އިން މިހާތަނަށް ވަނީ 10,037 މީހުން ޕޮޒިޓިވްވެ 368 މީހުން މަރުވެފަ އެވެ. އޮކްލަހޮމާ އިން އިއްޔެ ވަނީ 331 މީހުން ޕޮޒިޓިވްވެފަ އެވެ.