21 ޖޫން 2020 - 12:30

ބެއިޖިން (ޖޫން 21) - ދެ ގައުމުގެ ބޯޑަރުގައި މިދިޔަ ހޯމަ ދުވަހު ހިންގި ކުރިމަތިލުމަކީ އިންޑިއާ އިން ގަސްދުގައި ކުރިކަމެއް ކަމަށް ޗައިނާ އިން ތުހުމަތު ކޮށްފި އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ލިޖިއަން ޒާއޯ ވިދާޅުވީ އިންޑިއާ ސިފައިން ވަނީ ބޯޑަރު ހުރަސްކޮށް ޗައިނާގެ ސަރަހައްދަށް ވަދެފައި ކަމަށެވެ. އަދި ޖިސްމާނީ ކުރިމަތިލުމަކަށް ދިޔައީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޗަައިނާ ސިފައިންނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުކުރު ދުވަހު ވިދާޅުވީ ބޭރުގެ އެއްވެސް ސިފައިންގެ މީހަކު އިންޑިއާގެ ބޯޑަރު ހުރަސްކޮށް ވަދެފައި ނުވާ ކަމަށާއި އިންޑިއާގެ ބިމުން އެއްވެސް ބައެއް ގެއްލިފައި ވެސް ނުވާ ކަމަށެވެ. އަދި އިންޑިއާ ސިފައިން ގައުމުގެ ބޯޑަރު ދިފާއު ކުރާނެ ކަމަށް މޯދީ ވިދާޅުވި އެވެ.
ގަލްވާން ވެލީގައި ހިންގި ކުރިމަތިލުމުގައި އިންޑިއާގެ 20 ސިފައިން މަރުވި ކަމަށް ބުނެފައިވެ އެވެ. އިންޑިއާ އިން ބުނެފައި ވަނީ ޗައިނާ ސިފައިންނަށް ވެސް ގެއްލުން ލިބުނު ކަމަށެވެ.
ޒާއޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަލްވާން ވެލީ އަކީ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ގެ ޗައިނާގެ ފަޅީގެ ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ ދެ ގައުމު ބައިކުރާ ލައިން ހުރަސްކޮށް އިންޑިއާ ސިފައިން ޗައިނާގެ ސަރަހައްދަށް ވަދެފައި ވަނީ މިިދޔަ މެއި މަހު އުފެދުނު ބޯޑަރުގެ ހަމަނުޖެހުންތައް ހަމައަކަށް އެޅެމުން ދަނިކޮށް ކަމަށެވެ.
"މަޝްވަރާ ކުރުމަށް ދިޔަ ޗައިނާ ސިފައިންގެ އޮފިސަރުންނަށް އިންޑިއާ ސިފައިން ވަނީ ވަރަށް އަނިޔާވެރިކޮށް ހަމަލާދީފައި. ނަތީޖާއެއްގެ ގޮތުން ވަނީ ޖިންސާނީ ކުރިމަތިލިމަކަށް ގޮސް ބައެއް މީހުން މަރުވެފައި،" އޭނާ ވިދާޅުވި އެވެ.
ޒާއޯ ވިދާޅުވީ މިދިޔަ އެޕްރީލް މަހުން ފެށިގެން އިންޑިއާ އިން ދަނީ ގަލްވާންގެ އެލްއޭސީގައި މަގުތަކާއި ބްރިޖް ފަދަ ތަންތަން ހަދަމުން ކަމަށެވެ.
ލަޑަކުގެ ގަލްވާން ވެލީ އޮންނަނީ އަކްސައި ޗިންއާ ކައިރީގަ އެވެ. އެ ތަން ޗައިނާ އިން ކޮންޓްރޯލް ކުރި ނަމަވެސް އިންޑިއާ އިން ބުނެފައި ވަނީ އެއީ އެ ގައުމުގެ ތަނެއް ކަމަށެވެ.
ބޯޑަރުގައި އިންޑިއާ އާއި ޗައިނާ ސިފައިން އެންމެ ފަހުން ބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފައި ވަނީ 1975 ވަނަ އަހަރު އެވެ. އެ ފަހަރު ވަނީ އިންޑިއާގެ ހަތަރު ސިފައިން މަރުވެފަ އެވެ. އޭގެ ފަހުން ބޯޑަރުގައި ބަޑީގެ ހަމަލާތައް ބަދަލުކޮށްފައެއް ނުވެ އެވެ. ދެ ގައުމުން 1996 ވަނަ އަހަރު ގާއިމްކުރި އެއްބަސްވުމުގެ ދަށުން އެއްވެސް ގައުމަކުން ބޯޑަރުގައި ބަޑީގެ ހަމަލާތައް ދިނުން ވަނީ މަނާކޮށްފަ އެވެ.
ގަލްވާން ވެލީ އަށް ޗައިނާ އިން ސިފައިން ފޮނުވާ ކަމަށް އިންޑިއާ އިން ތުހުމަތު ކުރެ އެވެ. އަދި އިންޑިއާގެ ބިމުން 38،000 އަކަ ކިލޯމީޓަރު (14،7000 އަކަ މޭލު) ގެ ސަރަހައްދެއް ޗައިނާ އިން ވެރިކޮށްލާފައިވާ ކަމަށް ވެސް އިންޑިއާ އިން ބުނެ އެވެ. ބޯޑަރުގެ މައްސަލަ ހައްލު ކުރުމަށް އެތައް ފަހަރެއްގެ މަތިން ބޭއްވި މަޝްވަރާތައް ވަނީ ނާކާމިޔާބުވެފަ އެވެ.