22 ޖޫން 2020 - 07:24

ކޮފީއާ ގުޅުން ހުރި ވިޔަފާރީގެ ތެރެއިން އަހަރަކު އެތައް މިލިއަން ޓަނުގެ ކުނި އުފެދެ އެވެ. އޭގެ ތެރޭގައި އަހަރެމެން ބޯން މި ބޭނުންކުރާ ކޮފީ، ތައްޓާ ހަމައަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތުގެ ތެރެއިން އުފެދޭ ކުނި ހިމެނެ އެވެ.
ދެހާސް އެގާރައިގައި ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގައި ދުވާލަކު 2 ބިލިއަން ކޮފީތަށި ބޭނުންކުރެ އެވެ. ނަތީޖާ އަކީ އަހަރަކު 6 މިލިއަން ޓަނުގެ ކޮފީ ކުނި އުފެދުމެވެ.
މި ގެއްލުން ކުޑަކުރަން އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ބައޯ-ބީން އިން ކުރަމުން އަންނަ މަސައްކަތަކީ ކޮފީން އުފެދޭ ކުންފުނިން ބައޯފިއުލްއެއް ނުވަތަ ތިމާވެއްޓާ ރައްޓެހި ހަކަތައެއް އުފެއްދުމެވެ. ދެހާސް ސަތާރަ ވަނަ އަހަރު އެ ކުންފުނިން ވަނީ 7،000 ޓަނުގެ ކޮފީ ވޭސްޓުން ބައޯފިލް އުފައްދައިފަ އެވެ. އަދި މި ހަކަތަ ވަނީ ލަންޑަނުގައި ޑީސަލް ބޭނުންކުރާ ބަހުގައި ވެސް ބޭނުންކޮށްފަ އެވެ. އެކަމަކު އެކަމަކީ ވިޔަފާރީގެ ގޮތުން މާ ބޮޑު މަންފާއެއް ނުލިބޭ ކަމަކަށްވާތީ ބައޯ-ބީން އިން މިހާރު އަމާޒު ހިފާފައި ވަނީ ގޭބިސީތަކަށާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ބައޯފިއުލް ކޮފީ ވޭސްޓުން އުފެއްދުމެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތަކީ ކޮފީން އުފެދޭ ކުނި ނައްތާލުމުގައި ޖައްވަށް ބޭރުވާ ގްރީންހައުސް ގޭސްތައް 80 ޕަސަންޓަށް ދަށްކޮށްލެވޭނެ ކަމެކެވެ.
ބައޯ-ބީން އިން 2013 ގައި ފެށި މަސައްކަތް ފުޅާކުރުމަށް އަންނަނީ ފަންޑް ވެސް ހޯދަމުންނެވެ. އަދި މިހާތަނަށް 7 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވެ އެވެ. އެ ކުންފުންޏަށް އެހީ ދީފައިވާ ތަންތަނުގެ ތެރޭގައި ކޯސްޓަ ކޮފީ އާއި ލަންޑަން ސްޓޭންސްޓެޑް އެއާޕޯޓް އަދި އިނގިރޭސިވިލާތުގެ ރޭލުގެ ހިދުމަތް އޮޕަރޭޓްކުރާ ނެޓްވޯކް ރެއިލް ހިމެނެ އެވެ.
ބައޯ-ބީންގެ ޑިރެކްޓަރު/ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ޖޯޖް މޭ ވިދާޅުވި ގޮތުގައި ކޮފީގެ ވޭސްޓުން ބައޯފިލް އުފައްދަން ކުރާ މަސައްކަތަކީ ކާމިޔާބު މަސައްކަތެކެވެ. އެތަނުން އުފައްދާ ބައޯފިއުލް ހުންނަނީ ލޮގްތަކެއް ގޮތަށެވެ. އެހެންވެ މިއީ މިސާލަކަށް ކައްކަން ދަރު ބޭނުންކުރާ ގޮތަށް ބޭނުންކުރެވޭނެ އުފެއްދުމެކެވެ. މިއަށް ކިޔަނީ "ކޮފީ ލޮގްސް" އެވެ.
"މިއީ ވަރަށް ބޮޑަށް ފުޅާކުރެވެވެން އޮތް ކަމެއް. އަހަރެމެން އެކަނި ވެސް މިހާތަނަށް ވިހި ހާސް ޓަނުގެ ކޮފީ ވޭސްޓް ރިސައިލްކޮށް ހަކަތަ އުދައްދައިފިން." ޖޯޖް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އެ މީހުންގެ މަސައްކަތަށް ބުރީއެރި ނަމަވެސް، އަނެއްކާ ވެސް އާންމު ހާލަތަކަށް އައުމާ އެކު ކޮފީ ވޭސްޓުން ހަކަތަ އުފެއްދުމުގެ މަސައްކަތް އިތުރަށް ފުޅާވެގެން ދާނެ އެވެ. ކޮފީގެ ވިޔަފާރިކުރާ ތަންތަން ކޮވިޑް-19އާ ހެދި ބަންދުކުރަން ޖެހުމުން، ކޮފީ ވޭސްޓް ލިބުން ވަރަށް ބޮޑުތަނުން މަދުވެފައިވެ އެވެ.
މި މަސައްކަތަށް ހާއްސަ ޕްލާންޓް ބައޯ-ބީން އިން ހިންގަނީ ކެމްބްރިޖްޝަޔާގަ އެވެ. އެތަނުގައި ވަނީ މަސައްކަތްކުރެވޭނެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިފަ އެވެ.
"ކޮފީ އަކީ ހަގީގަތުގައި ވަރަށް ބޮޑަށް ކެލޮރިފިކް [ހަކަތައިގެ ނިސްބަތް] އެއްޗެއް. އެހެންވެ މިއިން ފިއުލް އުފެއްދުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭ." ޖޯޖް ވިދާޅުވި އެވެ.
ބައޯ-ބީން އިން ބުނިގޮތުގައި ކުރިއަށް ރާވާފައި ހުރި ޕްލޭންތަކުގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހުޅަނގުއުތުރު ޔޫރަޕަށް ކޮފީ ވޭސްޓުން ބައޯފިއުލް އުފެއްދުމުގެ މަސައްކަތް ފުޅާކުރާނެ އެވެ.