އިތުރު 37 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ
އިތުރު 37 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 37 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނިގޮތުގައި މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން 19 ދިވެހިން ޕޮޒިޓިވް ވެފައިވާއިރު ބަންގްލަދޭޝްގެ 12 މީހަކު އަދި އިންޑިއާގެ ހަ މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.

މިއީ ލޮކްޑައުން ލުއި ކުރި ފަހުން ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިހާ ގިނަވި ފުރަތަމަ ފަހަރެވެ.

މިދިޔަ އޭޕްރީލް މަހުގެ 15އިން ފެށިގެން މާލެ ތެރޭގައި ފެތުރެން ފެށި މި ބަލި މިހާތަނަށް 2،187 މީހުންނަށް ވަނީ ޖެހިފަ އެވެ. އެކަމަކު އޭގެ ތެރެއިން 1،788 މީހުން ރަނގަޅުވެފައިވާއިރު މިހާރު ޕޮޒިޓިވް މީހުންގެ އަދަދު އުޅެނީ 389ގަ އެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި 151 މީހަކު ތިބި އިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 294 މީހަކު ވަނީ ބައިތިއްބައިފަ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮންނަތާ ދެމަހެއްހާ ދުވަސް ފަހުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. އޭގެ ތެރޭގައި މާލެއިން ރަށްރަށަށް ދަތުރު ކުރުން ހިމެނެ އެވެ. އެކަމަކު މާލެއިން ރަށްރަށަށް ދާ މީހުން، 24 ދުވަހު ހޯމް ކަރަންޓީނުގައި ތިބެން ޖެހެ އެވެ.

ހޯމް ކަރަންޓީނުގައި ތިބޭ ބައެއް މީހުން ވެސް ބައްޔަށް ޕޮޒިޓިވް ވެގެން ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން ގއ. މާމެންދޫގެ ތިން މީހަކު އިއްޔެ އާއި މިއަދު ވަނީ ޕޮޒިޓިވް ވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވީ އަށް މީހެކެވެ.