19 އޮކްޓޯބަރ 2016 - 19:42

މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ހަތް ވަނަ ބުރިން އެ އިމާރާތުގެ ތިން ވަނަ ބުރި އަށް ބިދޭސީއަކު މިރޭ ވެއްޓި ލިބުނު ސީރިއަސް ޒަހަމްތަކަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަަރުވާދޭން ފަށައިފި އެވެ.
ވެލާނާގޭ ކުރިމަތީގައި ހަދާ އިމާރާތުން ވެއްޓުނު ބިދޭސީ ފިރިހެން މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެ އެވެ. އެކަމަކު އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ އިމާރާތެއްގެ ހަތް ވަނަ ބުރިން ބިދޭސީއަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިރޭ އިރޮއޮއްސެނިކޮށް ކަމަށެވެ. އޭނާ އޭޑީކޭ އަށް ގެންގޮސް ފަރުވާ ދޭން ފަށައި އެ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި މަސައްކަތް ކުރަން އުޅުނީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.
މީގެ ކުރިން ވެސް، އިމާރާތްތަކުގެ މަތިން ވެއްޓި މީހުންނަށް ސީރިއަސް އަނިޔާ ލިބި އަދި ބައެއް މީހުން މަރު ވެސް ވަނީ ވެފަ އެވެ. މިގޮތަށް ހިނގާފައިވާ ގިނަ ހާދިސާތަކުގައި މަސައްކަތް ކުރާއިރު ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅަ އެވެ.