ފަހު ވަގުތު ބްރައިޓަން އަތުން އާސެނަލް ބަލިވެއްޖެ
ފަހު ވަގުތު ބްރައިޓަން އަތުން އާސެނަލް ބަލިވެއްޖެ

ބްރައިޓަން (ޖޫން 20) – ފަހު ވަގުތު ނީލް މޯޕޭ ޖެހި ގޯލުން، އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އަތުން 2-1 އިން އާސެނަލް ބަލިވެ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް ކުރާ މަސައްކަތުގައި ފަހަތަށް ފިޔަވަޅެއް އަޅާއިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ލީގު އަލުން ފަށައި ކުޅުނު ދެ މެޗުން ވެސް އާސެނަލް މިވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުން ބަލިވީ މެންޗެސްޓާ ސިޓީ އަތުން 3-0 އިންނެވެ. އެހެންވެ 40 ޕޮއިންޓާ އެކު ނުވަ ވަނައިގައި އޮތް އާސެނަލަށް ގަދަ ހަތަރަކަށް ވަނުމުގެ ފުރުސަތު ހަނިވީ އެވެ. މިވަގުތު ހަތަރު ވަނައިގައި އޮތީ އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެން 48 ޕޮއިންޓާ އެކު ޗެލްސީ އެވެ.

އަނެއްކޮޅުން މި މޮޅަކީ، ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތްކުރަމުން އަންނަ ބްރައިޓަން އަށް މުހިއްމު މޮޅެކެވެ. މި އަހަރު ލީގުގައި ހޯދި ފުރަތަމަ މޮޅާ އެ ޓީމު އޮތީ 32 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ. ރެލިގޭޝަން ޒޯނުގެ އެންމެ މަތީގައި އޮތް ބޯންމައުތަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ގޯލްކީޕަރު ބާންޑް ލެނޯ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުނެވެ. މި ސީޒަނުގައި އާސެނަލަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ ބޯޅަ ހިފަން އުޅުމުގެ ތެރޭ މޯޕޭގެ ޗެލެންޖަކުން، ފައި ބިންމަތީ އެޅުނު ގޮތުން ކަނާތު ކަކޫ ނުއަތަށް ލެނބުނީ އެވެ. އޭނާގެ ލިގަމެންޓަކަށް ގެއްލުންވެ، ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެ އެވެ. އަށިގަނޑުގައި ބޭލި ވަގުތު ލެނޯ ވަނީ މޯޕޭއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ފުރަތަމަ މެޗުގައި ޑިފެންޑަރު ޕަބްލޯ މަރީ އާއި މިޑްފީލްޑަރު ގްރަނިޓް ޝަކާ އަށް ވަނީ އަނިޔާވެފައިވަނިކޮށް ޖަރުމަން ކީޕަރަށް އަނިޔާވުމަކީ ކޯޗު މިކޭލް އާޓެޓާ އަށް ބޮލު ރިހުމަކަށް ވާނެ އެވެ. އަމުދުން ޑިފެންސުގެ މައްސަލަ އެހާ ބޮޑުވެފައިވަނިކޮށެވެ.

ފަސް ބަދަލަކާ އެކު އާޓެޓާ މިރޭ އާސެނަލްގެ ފުރަތަމަ އެގާރަ ހަމަކުރި ނަމަވެސް ޖަރުމަން ޕްލޭމޭކަރު މެސުތު އޮޒިލަށް ފުރުސަތެއް ނުދެ އެވެ.

މިރޭގެ މެޗުގައި އާސެނަލަށް ލީޑު ނަގައިދިނީ 68 ވަނަ މިނެޓުގައި ނިކްލަސް ޕެޕޭ އެވެ. މި ގޯލް އޭނާ ޖެހީ އޭރިއާ ތެރެއިން ގޯލުގެ މަތީ ކަނަށް، ވާތު ފައިން ބޯޅަ ކާވްކޮށްލައިގެންނެވެ.

އޭގެ ހަތް މިނެޓު ފަހުން ބްރައިޓަނުން އެއްވަރުކުރީ ލެވިސް ޑަންކް ޖެހި ގޯލުންނެވެ. މެޗު އެއްވާރުވާނެ ކަމަށް ބެލެވިފައި ވަނިކޮށް ބްރައިޓަން މޮޅުކޮށްދިން ލަނޑު ފްރާންސް ފޯވާޑް މޯޕޭ ޖެހީ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގަ އެވެ. އާރޮން ކޮނޮލީއާ ދެ ކުޅުންތެރިން ބަހާލައިގެން އުފެއްދި ހަމަލައެއްގަ އޭނާ އޭރިއާ ތެރެއިން ބޯޅަ ގޯލަށް ވައްދާލީ އާޖެންޓީނާ ކީޕަރު ޑާމިއާން މާޓިނޭޒް ކުރިއަށް ޖެހުނު ވަގުތު އޭނާގެ ބޯމަތިން ފޮނުވާލައިގެންނެވެ.