މާމެންދޫން އިތުރު ބަޔަކު ޕޮޒިޓިވް ވެއްޖެ
މާމެންދޫން އިތުރު ބަޔަކު ޕޮޒިޓިވް ވެއްޖެ

މާލެ އިން ގއ. މާމެންދު އަށް ދިޔަ އިތުރު ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މާލެއިން އެ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުއްޓާ އެ ރަށުގެ ޒުވާން ފިރިހެނަކު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕޮޒިޓިވް ވެފަ އެވެ. އަލަށް ޕޮޒިޓިވް މިވީ، އޭނާއާ އެއް ގެއެއްގައި ތިބި އެއްބަނޑުއެއްބަފާ އަންހެން ދެ ކޮއްކޮ އެވެ.

މާމެންދޫ ކައުންސިލަރަކު ވިދާޅުވީ ދެ އަންހެނުން ޕޮޒިޓިވްވިކަން އެނގުނީ، ބޭބެ ޕޮޒިޓިވްވުމުން އެ މީހުންގެ ޓެސްޓު ހެދުމުން ކަމަށެވެ. އަދި އެ ދެ މީހުންގެ ގައިން ވެސް ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންއީއޯސީން އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި ކޮވިޑް-19 އަށް ހާއްސަ ތަރުޖާމަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޕޮޒިޓިވްވި ފިރިހެން މީހާއަކީ މިދިޔަ މަހުގެ 31 ގައި މާލެ އައި މީހެއް ކަމަށެވެ. އަދި އޭނާ އަނބުރާ ރަށަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ވިދާޅުވި އެވެ.

އެ މީހާ ދަތުރުކުރި މަތިންދާބޯޓުގައި އިތުރު 40 މީހަކު ތިބި ކަމަށާއި އޭގެ ތެރޭގައި ގިނައީ އެ އަތޮޅު ގެމަނަފުށީ މީހުން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. އެހެންވެ، މާމެންދު އާއި ގެމަނަފުށި މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

މާމެންދޫ ކައުންސިލަރު ވިދާޅުވީ ޕޮޒިޓިވްވި ފިރިހެން މީހާއާ އެއާޕޯޓުން އެ ރަށުގެ އެހެން މީހަކާ ދިމާވެ ވާހަކަ ދައްކާ ހެދި ކަމަށާއި އެކަމަކު އޭނާ އެނބުރި އައީ ރިސޯޓުގައި ހުރެފައި ކަމުން ރަށުގައި އޭނާ ކަރަންޓީނު ނުކުރާ ކަމަށެވެ. އަދި އޭނާ ރަށުގެ އެކި މީހުންނާ ބައްދަލުވެފައިވާ ކަމަށް ވެސް ކައުންސިލަރު ފާހަގަ ކުރެއްވި އެވެ.

"އެހެންވެ، އަޅުގަނޑުމެން މިހާރު ވާނީ އޭނާ ދިރިއުޅޭ ގެ ވެސް ކަރަންޓީނަށް ލާފައި،" ކައުންސިލަރު ވިދާޅުވި އެވެ.

މި ކޭސްތަކާ ގުޅިގެން މާމެންދު އާއި ގެމަނަފުށީގައި ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ދެ އެވެ.

މާލެ އިން ރަށްރަށަށް މީހުން ފޮނުވުމުގައި މިހާރު ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، މާލެ އިން ކޮންމެ މީހަކަށް ވެސް ސީދާ ރަށަށް ދެވޭނެ އެވެ. އެކަމަކު، ރަށަށް ގޮސް ހުންނަން ޖެހޭނީ ހޯމް ކަރަންޓީންގަ އެވެ. މިގޮތަށް އަމަލު ކުރަނީ އެ މީހާ ކަރަންޓީގައި ހުންނަ ތަނުގައި ވަކި ޝަރުތުތަކެއް ހަމަވާ ނަމަ އެވެ. ކަރަންޓީން ކުރާތާ 14 ދުވަސް ފަހުން ކޮވިޑް-19 އަށް ޓެސްޓު ކުރާނެ އެވެ.