ލިއޮނާޑޯ އާއި ޕެރަމައުންޓް ޕްރޮޖެކްޓްތަކަކަށް ތައްޔާރު ވަނީ
ލިއޮނާޑޯ އާއި ޕެރަމައުންޓް ޕްރޮޖެކްޓްތަކަކަށް ތައްޔާރު ވަނީ

މިދިޔަ އަހަރު އޮސްކާ ހޯދި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ޕެރަމައުންޓް ޕިކްޗާޒް ގުޅިގެން ތިން ފިލްމެއްގެ މަސައްކަތް ފަށަން ނިންމައިފި އެވެ.

އެ މީހުން މިހާރު އަންނަނީ މިދިޔަ އަންގާރަ ދުވަހު ބެތު މޭސީ ނެރުނު ވާހަކަ "ޓްރޫވައިން" ގެ ރައިޓްސް ގަތުމުގެ މަޝްވަވަރާތައް ކުރަމުންނެވެ. ބޭނުން ވަނީ އެ ވާހަކަ އަށް ބިނާކޮށް ފިލްމް ހަދާށެވެ.

މި ފިލްމް ޕްރޮޑިއުސް ކުރާނީ ޕެރަމައުންޓާއި ލިއޮނާޑޯގެ ޕްރޮޑަކްޝަން ހައުސް އެޕިއަން ވޭ ގުޅިގެންނެވެ.

"ޓްރޫވައިން: ޓޫ ބްރަދާޒް، އަ ކިޑްނެޕިން، އެންޑް އަ މަދާސް ކްއެސްޓް؛ އަ ޓްރޫ ސްޓޯރީ އޮފް ޖިމް ކްރޯ" އަކީ 1899 ގައި ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކަ އެވެ.

ވާހަކައިގައި ކިޔައި ދެނީ އެފްރިކާ އަށް ނިސްބަތްވާ އެމެރިކާ ދެބޭން ކިޑްނެޕްކޮށްގެން ދޮން މީހަކު ޗަރުކޭހެއްގައި ގެންގުޅުނު ނަމަވެސް، އެ މީހުންވީ ތަނެއް ނޭނގިގެން ހޯދަން މަންމަ 28 އަހަރު ވަންދެން ކުރާ މަސައްކަތެވެ.

"ޓްރޫވައިން" އަށް ބިނާކޮށް ފިލްމް ހަދަން ނިންމި ނަމަވެސް، މީގެ ސްކްރީންޕްލޭ ލިޔާނެ މީހަކާއި ޑައިރެކްޓް ކުރާނެ މީހަކު އަދި ނުނިންމަ އެވެ.

އެކަމަކު ވަރަށް މުހިއްމު ރޯލަކުން ލިއޮނާޑޯ ފެނިގެން ދާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ޕެރަމައުންޓާއި ލިއޮނާޑޯ އަންނަނީ މީގެ އިތުރުން ވެސް ދެ ޕްރޮޖެކްޓަކަށް މަސައްކަތް ކުރަމުންނެވެ. އެއީ "ޑެވިލް އިން ދަ ވައިޓް ސިޓީ" އާއި "ކެޕްޓަން ޕްލެނެޓް" އެވެ.

"ޑެވިލް އިން ދަ ވައިޓް ސިޓީ" ގެ ސްކްރީންޕްލޭ ބިލީ ރޭ ލިޔާ އިރު، މި ފިލްމް ޑައިރެކްޓް ކުރާނީ އޮސްކާ ހާސިލްކޮށްފައިވާ މާޓިން ސްކޮސިސް އެވެ.

"ކެޕްޓަން ޕްލެނެޓް" ގެ ސްކްރީންޕްލޭ ލިޔަނީ ގްލެން ޕަވެލް އެވެ.