20 ޖޫން 2020 - 15:23

ރޯމް (ޖޫން 20) - އިޓަލީގެ ދެ ސިޓީއެއްގެ ފާޚާނާ ނިޒާމުން ބޭރުވި ފެނުގައި ކޮރޯނާވައިރަހުގެ އަސަރު ހުރިކަން ޑިސެމްބަރު މަހު ފާހަގަކުރެވުނު ކަމަށް އެ ގައުމުގެ ސައެންސްވެރިން ބުނެފި އެވެ.
ނޭޝަނަލް އިންސްޓްޓިއުޓް އޮފް ހެލްތު ސައެންސަސް (އައިއެސްއެސް) އިން ބުނީ މިލާން އާއި ޓިއުރިންގެ ސުވޭޖް ސިސްޓަމް އިން ބޭރުވި ފެނުގައި ޖެނެޓިކް ވައިރަސް ހުރިކަން ޑިސެމްބަރު 18 ގައި ފާހަގަ ކުރެވުނު ކަމަށެވެ.
ވޫހާން ސިޓީގައި ކޮރޯނާވައިރަސް ފެތުރެމުންދާކަން ޗައިނާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް އަންގާފައި ވަނީ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. އިޓަލީގައި ކޮރޯނާވައިރަސް ފެތުރޭކަން ރަސްމީކޮށް ރިޕޯޓްކޮށްފައި ވަނީ ފެބްރުއަރީ މަހު މެދުތެރޭގަ އެވެ.
ބަލިފެތުރޭކަން ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާ އިން ރިޕޯޓްކުރި ނަމަވެސް އެހެން ގައުމުތަކުން ވަނީ ކޮރޯނާވައިރަސް، އޭގެ ކުރިން އެ ގައުމުތަކުން ފެނިފައިވާ ކަމަށް ބުނަން ފަށައިފަ އެވެ. ފްރާންސްގެ ވެރިރަށް ޕެރިހާ ކައިރީގައިވާ ހޮސްޕިޓަލެއްގައި ޑިސެމްބަރު މަހު 27 ވަނަ ދުވަހު ނިއުމޯނިއާ އަށް ފަރުވާ ހޯދި މީހަކު ކޮރޯނަވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާގެ ޑޮކްޓަރު ވަނީ ބުނެފަ އެވެ. އެ މީހާ އަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ޑޮކްޓަރު ލަފާކުރައްވަނީ ޑިސެމްބަރު 14-22 އާ ދެެމެދު އެވެ. ސްޕޭނުގެ ބާސެލޯނާ އިން ވެސް ބޭރުކުރި ވޭސްޓް ވޯޓާ އިން ޖެނުއަރީ މެދުތެރޭގައި ކޮރޯނާވައިރަސް ފެނިފައިވާ ކަމަށް ފަހުގެ ދިރާސާއަކުން ދައްކާފައިވެ އެވެ. އެއީ ސްޕޭނުން ލޯކަލް ކޭސްއެއް ރިޕޯޓް ކުރުމުގެ 40 ދުވަސް ކުރި އެވެ.
އިޓަލީގައި ކޮރޯނާވައިރަސް މާކުރިން ފެތުރުނުކަން ހޯދިފައި ވަނީ އިޓަލީގެ އުތުރުގެ ދެ ސިޓީގެ ވޭސްޓް ވޯޓާ ޓްރީޓްމަންޓް ޕްލާންޓްތަކުން ސައެންސްވެރިން 40 ސާމްޕަލް ނަގައިގެންނެވެ. ނަގާފައި ވަނީ އޮކްޓޯބަރު މަހުން ފެބްރުއަރީ މަހާ ދެމެދު ބޭރުކުރި ވޭސްޓް ވޯޓާގެ ސާމްޕަލެވެ. އޮކްޓޯބަރާއި ނޮވެމްބަރު މަހުގެ ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ. މާނައަކީ އޭރު ކޮރޯނާވައިރަސް އިޓަލީގައި ނެތް ކަމެވެ.
އިޓަލީގައި އެންމެ ފުރަތަމަ ކޮރޯނާވައިރަސް ފެތުރިފައި ވަނީ ލޮމްބާޑީ ސަރަހައްދުގަ އެވެ. "ރަތް ޒޯނެއް"ގެ ގޮތުގައި އެ ސަރަހައްދު ކަނޑައެޅީ ފެބްރުއަރީ 21 ގަ އެވެ.
ކޮރޯނާވައިރަހަށް އިޓަލީން މިހާތަނަށް ވަނީ 238,011 މީހުން ޕޮޒިޓިވްވެ 34،561 މީހުން މަރުވެފަ އެވެ.