މައްކާގެ މިސްކިތްތައް އާދިއްތަ ދުވަހު ހުޅުވަނީ
މައްކާގެ މިސްކިތްތައް އާދިއްތަ ދުވަހު ހުޅުވަނީ

މައްކާ (ޖޫން 20) - މާތް ވެގެންވާ މައްކާގެ މިސްކިތްތައް މާދަމާ އިން ފެށިގެން ހުޅުވަން ނިންމާފައިވާ ކަމަށް ސައުދީ އަރަބިއާގެ ރަސްމީ ޓީވީން ބުނެފި އެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ސައުދީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލިތާ ގާތްގަނޑަކަށް ތިން ދުވަސް ފަހުން މައްކާ ފިޔަވައި ސައުދީގެ އެހެން ސަރަހައްދުތަކުގެ މިސްކިތްތައް ހުޅުވާފައި ވަނީ މެއި 31 ވަނަ ދުވަހު އެވެ. މައްކާގެ މިސްކިތްތައް ހުޅުވި ނަމަވެސް ސައުދީގައި ވައިރަސް އަދިވެސް ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ.

އަލްއަޚުބާރިއްޔާ ޓީވީން ބުނީ މައްކާގެ ގާތްގަނޑަކަށް 1،500 މިސްކިތް މާދަމާ ހުޅުވާނެ ކަމަށެވެ. މިސްކިތްތައް ހުޅުވުމުގެ ކުރިން ވަނީ ތަޅުންގަނޑާއި ކާޕެޓްތައް ޑިސްއިންފެކްޓް ކޮށްފަ އެވެ.

މައްކާ ފިޔަވައި އެހެން ސަރަހައްދުތަކުގެ މިސްކިތްތައް ހުޅުވާފައި ވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާ އެކު އެވެ. އޭގެ ތެރޭގައި ސޯޝަލް ޑިސްޓެންސިންއާ އެއްގޮތަށް މިސްކިތުގައި ތިބުމާއި ނަމާދަށް ދާއިރު އަމިއްލަ މުސައްލާ ގެންދިއުމާއި ގެއިން ވުޟޫކޮށްގެން ދިއުން ފަދަ ކަންކަން ހިމެނެ އެވެ.

ސައުދީން މިހާތަނަށް ވަނީ 150,292 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 1،184 މީހުން މަރުވެފަ އެވެ.