އިންޑިއާގައި ޒުވާނުންނަށް އަނގައިގެ ކެންސަރުގެ ނުރައްކާ
އިންޑިއާގައި ޒުވާނުންނަށް އަނގައިގެ ކެންސަރުގެ ނުރައްކާ

އޭނާގެ ދުލުގެ އެއްބައި ވަނީ އޮޕަރޭޝަންކޮށްގެން ނަގާފަ އެވެ. މިހާރު ޕްލާސްޓިކް ސާޖަރީ ހަދައިގެން، ބުރިކޮށްލި ބައި ވަނީ ހަދާފަ އެވެ. ނަމަވެސް މިހާރު އޭނާއަށް އިތުރު މައްސަލައެއް ކުރިމަތިވެއްޖެ އެވެ. އާ ގަތުމެވެ. މިއީ ބެންގަލޫރުގައި ދިރިއުޅޭ 31 އަހަރުގެ ނަވީން (ނަން ބަދަލުކޮށްފައި) ގެ ވާހަކަ އެވެ.

ނަވީން އަކީ މީގެ ހަތް އަހަރު ކުރިން ފެށިގެން ވަރަށް ގަދަޔަށް ސިނގިރޭޓް ބޮމުން ދިޔަ މީހެކެވެ. އޭނާގެ ދުލަށް ކެންސަރު ޖެހުނީ އެވެ. މިހާރު އޭނާ ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފަ އެވެ. އަދި ޒުވާން ދުވަސްވަރު ސިނގިރޭޓުގެ އަވައިގައި ޖެހުނީތީ ހިތާމަކުރެ އެވެ.

މިހާރުވެސް ކޮންމެ ދުވަހަކު އެއްފަހަރު އޭނާއަށް އެޗްސީޖީ ކެންސަ ކެއާ އަށް ދާން ޖެހެ އެވެ. ދުލުގައިވާ ހުދުކުލައިގެ ބޮޑު ލައްގަނޑެއް ކެންސަރަށް ޓެސްޓް ކުރުމަށެވެ.

ޓައިމްސް އޮފް އިންޑިޔާގައިވާ މި ރިޕޯޓު ބުނާ ގޮތުން މިފަދަ މައްސަލަތައް އިންޑިއާގެ ވަރަށް ގިނަ ޒުވާނުންނަށް ވަނީ ކުރިމަތިވެފަ އެވެ. ސެންތިލް ކުމާރު، 33، އަކީ އަނގައިގެ ކެންސަރުގެ ހަތަރުވަނަ އަދި އެންމެ ފަހު ސްޓޭޖްގައިވާ މީހެކެވެ. އޭނާގެ އަނގަޔާއި ކޯތާފަތަށް އަދި ކޯ ކަށިގަނޑަށް ވެސް މިހާރު ވަނީ ކެންސަރު ފެތުރިފަ އެވެ. ބުރަކޮށް މަސައްކަތުގައި އުޅުނު ސެންތިލްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އޭނާއަށް ކެންސަރު ޖެހުނީ ދުންފަތް ކެއުމަށް ދެވިހިފާފައި ހުރުމުގެ ސަބަބުންނެވެ.

މި ދެ މީހުންނަށް ވެސް ފަރުވާ ދެނީ އެޗްސީޖީގެ ހެޑް އެންޑް ނެކް ސާޖަން ޑރ. ވިޝާލް ރާއޯ އެވެ. އޭނާ ވިދާޅުވަނީ ކޮންމެ ދުވަހަކުވެސް އެތައް ޒުވާނުންނެއްގެ ފުރާނަ ކެންސަރުގެ ސަބަބުން ގެއްލިގެންދާ ކަމަށެވެ. ބެންގަލޫރުގެ އިންޑަސް ހެލްތުން ކޮށްފައިވާ ސާވޭއަކުން ދައްކާ ގޮތުން އެ ސިޓީގެ ޒުވާނުންގެ ތެރެއިން 25-30 ޕަސެންޓް މީހުންނަށް އަނގައިގެ ކެންސަރުގެ ނުރައްކާ ވަރަށް ބޮޑެވެ.

ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ކުރާ ނޭދޭވޭ އަސަރުތައް ދެނެގަތުމަށް ކުރި މި ސާވޭގައި، ޖެނުއަރީ 2015 އިން ފެށިގެން އޭޕްރީލް 2016 އާ ދެމެދު ޗެކްކުރި އުމުރުން 25-35 އަހަރާ ދެމެދުގެ 13،800 މީހުންގެ ތެރެއިން 10-12 ޕަސެންޓް މީހުންނަށް ހިތުގެ ބަލިތަކުގެ ނުރައްކާވެސް އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މިހާތަނަށް އަންހެނަކު ފުއްޕާމޭގެ ކެންސަރު ޖެހިގެން ދައްކާފައި ނުވިޔަސް އަންހެނުންނަށް ފުއްޕާމޭގެ ކެންސަރު ޖެހޭ ދުވަސް ވެސް ދެން މާދުރު ނޫން ކަމަށް އެޕޯލޯ ހޮސްޕިޓަލްސްގެ ސީނިއާ ކޮންސަލްޓަންޓް އެންޑް އެޗްއޯޑީ، އޮންކޮލޮޖީ ޑރ. ޕީޕީ ބަޕްސީ އިންޒާރު ދެއްވާފައިވެ އެވެ.

ކްލައުޑް ނައިން ހޮސްޕިޓަލްސްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝޯބާ ވެންކަޓް ވިދާޅުވެފައިވާ ގޮތުގައި ދަރިއަކު ހޯދަން ބޭނުންވުމުން ޑޮކްޓަރީ ލަފާ ހޯދަން އަންނަ ކޮންމެ 100 އިން ދޭއް ނުވަތަ ތިން އަންހެނުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދަ އާއި އެމީހުންގެ ތައުލީމީ ފެންވަރާ އެއްވެސް ގުޅުމެއް ނޯންނަ ކަން ވެސް ޑޮކްޓަރު ޝޯބާ ފާހަގަ ކުރެއްވި އެވެ.

ދަރިމައިވާ އުމުރުގެ މީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރާ ގިނަ މީހުން ބަލިވެ އިނދެގެން އުޅޭ ދުވަސްވަރު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ކަމަށާއި ނަމަވެސް އެމީހުން ކުރިން ދުންފަތުގެ އިސްތިއުމާލުކުރި ކަން ވެސް ޑޮކްޓަރުންނަށް އަންގަން ބޭނުންނުވެ އެކަންތައް ސިއްރުކުރާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. އަދި އޭނާގެ ކައިރީގައި އުޅޭ މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ވެސް ބޮޑެތި ގެއްލުންތައް ބަނޑުގައިވާ ދަރިފުޅަށް ލިބެ އެވެ.

ކަށިފީވުން ނުވަތަ ކަށިތައް ގިރިގެން ދިއުމުގެ މައްސަލައަކީ ވެސް ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންނަށް ވަރަށް ޒުވާން އުމުރުގައި ކުރިމަތިވާ މައްސަލަ އެކެވެ.