20 ޖޫން 2020 - 11:29

ޖެނީވާ (ޖޫން 20) - ކޮވިޑް-19 ގެ ނުރައްކާ އަދިވެސް ބޮޑު ކަމަށާއި ބަލީގެ މިސްރާބު މިހާރު ހުރީ ނުރައްކާ މަރުހަލާއަކަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރުދީފި އެވެ.
ޑަބްލިއުއެޗްއޯގެ ކޮވިޑް-19 ގެ ޓެކްނިކަލް ގްރޫޕްގެ އިސް މެންބަރު މާރިއާ ވޭން ކާކޯވް ވިދާޅުވީ ދުނިޔޭގެ ގިނަ ހިސާބުތަކެއްގައި ބަލި ދަނީ އިތުރަށް ފެތުރެމުން ކަމަށެވެ.
"ބައެއް ގައުމުތަކުން ބަލި ފެތުރުން ކޮންޓްރޯލް ކުރި ނަމަވެސް، ކޮންމެ ގައުމެއް ވެސް އޮންނަން ޖެހޭނީ ތައްޔާރަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯގެ ހެލްތު އިމަޖެންސީ ޕްރޮގްރާމްގެ ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވީ ބައެއް ގައުމުތަކުން ވައިރަސް ފެތުރޭ ގޮތުގެ ކާވް ތިރިކުރި ނަމަވެސް ބަލި ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށެވެ.
"މިހާރު ބައެއް ގައުމުތަކުން ފެންނާނެ، ދެ ވަނަ ޕީކަކަށް އަރާ މަންޒަރު. އެއީ ބަލި ކޮންޓްރޯލް ކުރެވިފައި ނުވާތީ،" ރަޔަން ވިދާޅުވި އެވެ. "ބަލި ފެތުރުން ދަށްވެލާފައި އަނެއްކާވެސް އަހަރުގެ ފަހުކޮޅު ހިސާބުގައި ދެ ވަނަ ރާޅެއް އަތުވެދާނެ."
ޑަބްލިއުއެޗްއޯގެ މި އިންޒާރު އައި އިރު މިދިޔަ ބުރާސްފަތި ދުވަހަކީ އަދި މިހާތަނަށް އެންމެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެގެން ރިޕޯޓްކުރި ދުވަހެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ބުރާސްފަތި ދުވަހު ޕޮޒިޓިވްވި ގާތްގަނޑަކަށް 150،000 މީހުންގެ ތެރޭން ބޮޑު ބައެއް ނިސްބަތްވަނީ އެމެރިކާ ކޮންޓިނެންޓާއި މެދުއިރުމަތި އަދި ދެކުނު އޭޝިއާ އަށް ކަމަށެވެ.
އޭނާ ވިދާޅުވީ ވައިރަސް އަދިވެސް ދަނީ ބާރަށް ފެތުރެމުން ކަމަށާއި ބަލީގެ ނުރައްކާ ވެސް ބޮޑުވަމުންދާ ކަމަށެވެ.
"ގޭގައި އެކަހެރިކޮށް ތިބެން ޖެހުމުން ގިނަ މީހުން ވަނީ މާޔޫސްވެފައި. ގައުމުތަކުން ދަނީ އިގްތިސާދު ހުޅުވާލަމުން. އެކަމަކު ހަގީގަތަކީ ދުނިޔެ އޮތީ ނުރައްކާ ފައްތަރެއްގައި ކަން،" ޓެޑްރޯސް ވިދާޅުވި އެވެ.
މުޅި ދުނިޔެ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 8,685,940 މީހުން ޕޮޒިޓިވްވެ 459,051 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 4,577,476 މީހުންނެވެ.