19 ޖޫން 2020 - 23:59

ސިޑްނީ (ޖޫން 19) - ހެކަރުންގެ ހަމަލާތައް އޮސްޓްރޭލިއާ ސަރުކާރަށް އަމާޒުވެފައިވާ ކަމަށް ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ.
މޮރިިސަން ވިދާޅުވީ ސައިބަ ހަމަލާ ވަނީ އޮސްޓްރޭލިއާ ސަރުކާރުގެ ހުރިހާ މުވައްސަސާތަކާއި މުހިންމު ޚިދުމަތްތަކާއި ވިޔަފާރިތަކަށް އަމާޒުކޮށްފައި ކަމަށެވެ. ހެކަރުން މަސައްކަތް ކުރި ނަމަވެސް އެއްވެސް މުހިންމު މައުލޫމާތެއް ލީކް ނުވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
ހެކަރުންގެ ހަމަލާތަކުގެ ފަހަތުގައި ވަނީ ވަކި ދައުލަތެއްކަން އިޝާރާތް ކުރައްވައި މޮރިސަން ވިދާޅުވީ އެ ހަމަލާތައް ދޭތާ އެތައް މަހެއް ވެއްޖެ ކަމަށާއި ހަމަލާތައް އަދިވެސް ދަނީ އިތުރު ކުރަމުން ކަމަށެވެ. ހަމަލާތަކުގެ ފަހަތުގައިވާ ދައުލަތެއްގެ ނަން މޮރިސަން ވިދާޅެއް ނުވެ އެވެ.
އޮސްޓްރޭލިއާގެ ޕާލަމެންޓާއި ސިޔާސީ ޕާޓީތަކާއި ޔުނިވާސިޓީތަކަށް މިދިޔަ އަހަރު ވަނީ ސައިބާ ހަމަލާތަކެއް އަމާޒުކޮށްފަ އެވެ. އެ ހަމަލާތަކުގެ ތުހުމަތު އެ ފަހަރުކޮށްފައި ވަނީ ޗައިނާއަށެވެ. ސަރުކާރުގެ ސީނިއާ އޮފިޝަލުންނާ ހަވާލާދީ އޮސްޓްރޭލިއާގެ ބްރޯޑްކާސްޓާ އޭބީސީން ބުނެފައި ވަނީ ފަހުގެ ހަމަލާތަކުގެ ފަހަތުގައި ވެސް ވަނީ ޗައިނާ ކަމަށް ބެލެވޭ ކަމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒައޯ ލިޖިއަން ވިދާޅުވީ ޗައިނާ އަކީ ސައިބާ ހަމަލާތަކާ އަބަދުވެސް ދެކޮޅު ގައުމެއް ކަމަށެވެ. އަދި އެފަދަ ތުހުމަތުތައް ޗައިނާ އަށް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އެއީ ޗައިނާގެ އަގު ވައްޓާލަން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.