19 އޮކްޓޯބަރ 2016 - 16:32

ސިޑްނީ (އޮކްޓޯބަރު 19) - އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް އެކުގައި މަރުވެފައިވާ ކަމަށް ބުނެ ރިޕޯޓް ކުރުމަކީ މާބޮޑުވަރު ކޮށްލުން ކަމަށާއި ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ދިރޭ އޮގަނިޒަމް އެކުގައި ނެތިގެން ނުދާ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހު ސައެންސްވެރިން ދަނީ ބެރިއާ ރީފުގެ ހާލަތާ ބެހޭ ގޮތުން ތަފާތު ރިޕޯޓްތައް ލިޔަމުންނެވެ. މިދިޔަ އަހަރާއި މި އަހަރު ދުނިޔެ އަށް ކުރިމަތިވި އެލް ނީނޯގެ ސަބަބުން ކަނޑުތަކުގެ ހޫނުމިން އާދަޔާޚިލާފަށް މައްޗަށް ގޮސް ގާ ހުދުވާ ބަލި ވަނީ ދުނިޔޭގެ ވަރަށް ގިނަ ފަރުތަކަށް ކުރިމަތިވެފަ އެވެ.

އޭޕްރީލް މަހު ނެރުނު ރިޕޯޓެއްގައި ސެންޓަ އޮފް އެކްސެލެންސް ފޯ ކޮރަލް ރީފް ސްޓަޑީޒް އިން ބުނީ ބެރިއާ ރީފުގެ އުތުރު ފަރާތުގެ ހިސާބުތަކުގެ 60-100 ޕަސެންޓާ ދެމެދުގެ އަދަދަކަށް ގާ ހުދުވާ ބަލި ޖެހިފައިވާ ކަމަށެވެ. އަދި އޭގެ މާނައަކީ ފަރު އެކުގައި މަރުވުން ނޫން ކަމަށް ސައެންސްވެރިން ވަނީ ބުނެފަ އެވެ ނަމަވެސް އައުޓްސައިޑް މެގަޒިންގައި ތިމާވެއްޓާ ބެހޭ ލިޔުންތެރިޔާ ރޯވަން ޖެކޮބްސަން މި ހަފުތާގައި ވަނީ ބެރިއާ ރީފުގެ "ޖަނާޒާ" އިއުލާންކޮށްފަ އެވެ. އޭނާގެ ލިޔުމުގައި ވަނީ ބެރިއާ ރީފް ހިމާޔަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އިހުމާލްވެފައިވާ ކަމަށް ބުނެފަ އެވެ.
މި ރިޕޯޓާ ގުޅިގެން ކްލައިމެޓް ކައުންސިލްގެ ސީއީއޯ އަމަންދާ މެކްކެންޒީ ވިދާޅުވީ ބެރިއާ ރީފް އެކުގައި މަރުނުވާ ކަމަށެވެ. އަދި ފަރުގެ އުތުރު ފަރާތުގެ ހިސާބުތައް އަލުން ހެދޭ މިންވަރު ވަރަށް ލަސް ކަމަށް އޭނާ ވެސް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
ލޮނުގަނޑު ހޫނުވުމުން މުރަކަތަކުގައިވާ އަލްގީ ނުކުތުމުން ގާ ހުދުވާ ބަލިޖެހެ އެވެ. ނަމަވެސް ހޫނު މޫސުމަށް ފަހު ފިނިކަން ލިބެން ފެށުމުން އަނެއްކާ ވެސް ގާތަކަށް މަޑުމަޑުން ދިރުން ލިބެން ފަށަ އެވެ.
ކުއީންސްލޭންޑް ޔުނިވާސިޓީގެ ޕްރޮފެސަރު ހިއު ޕޮސިންހަމް ވިދާޅުވީ ބެރިއާ ރީފަކީ އިންސާނުން ފަދަ އެއްޗެއް ނޫން ކަމަށެވެ.
"އިންސާނެއްގެ ހިތް ހުއްޓި ސިކުނޑި މަސައްކަތް ނުކުރުމުން އެ މީހަކު މަރުވީ ކަމަށް ނިންމިދާނެ. އެކަމަކު ފަރުތަކަކީ އޭގެ ދިރުން ދިއުމަށް ފަހު އަނބުރާ ލިބޭ އެއްޗެއް،" އޭނާ ވިދާޅުވި އެވެ. "ފަރުގެ ނިޒާމަކީ ވަރަށް ބޮޑު އެއްޗެއް. ކޮންމެވެސް ހިސާބެއްގައި ދިރުން ވާނެ. އެހެންވެ ފަރު އެކުގައި މަރުވި ކަމަށް ނުބުނެވޭނެ."