ޗައިނާ އިން ހިފެހެއްޓި އިންޑިއާ ސިފައިން ދޫކޮށްލައިފި
ޗައިނާ އިން ހިފެހެއްޓި އިންޑިއާ ސިފައިން ދޫކޮށްލައިފި

ނިއު ދިއްލީ (ޖޫން 19) - ޗައިނާ އާއި އިންޑިއާ އިން މިދިޔަ ހޯމަ ދުވަހު ހިންގި ކުރިމަތިލުމުގައި ޗައިނާގެ ބެލުމުގެ ދަށަށް ގެންދިޔަ އިންޑިއާގެ 10 ސިފައިން ދޫކޮށްލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗައިނާ އިން ހިފެހެއްޓި އިންޑިއާ ސިފައިން ދޫކޮށްލައިފި
ޗައިނާ އިން ހިފެހެއްޓި އިންޑިއާ ސިފައިން ދޫކޮށްލައިފި

އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ދަ ހިންދޫން ނޫހުން ބުނީ ޗައިނާ އިން ދޫކޮށްލި ސިފައިންގެ ތެރޭގައި ލެފްޓިނެންޓް ކާނަލަކާއި ތިން މޭޖަރުން ހިމެނޭ ކަމަށެވެ. ނަމަވެސް އެ ޚަބަރު އިންޑިއާ ސަރުކާރުން ޔަގީންކޮށްދީފައެއް ނުވެ އެވެ. އަދި އިންޑިއާގެ އެއްވެސް ސިފައިންގެ މީހެއް "ގެއްލިފައިވާ" ކަމަށް ވެސް ބުނެފައެއް ނުވެ އެވެ.

ގަލްވާން ވެލީގައި ހޯމަ ދުވަހު ދެ ގައުމުގެ ސިފައިން ހިންގި ކުރިމަތިލުމުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވި ކަމަށް ބުނެފައިވެ އެވެ. ޗައިނާ ސިފައިންގެ ތެރޭން އެއްވެސް މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ. އިންޑިއާ ސިފައިންގެ ތެރޭން 76 މީހުން ޒަޚަމްވި ކަމަށް ބުނެފައިވެ އެވެ.

ހޯމަ ދުވަހުގެ ކުރިމަތިލުމުގައި އެއްވެސް ބަޔަކު ބަޑި ޖަހައިފައެއް ނުވެ އެވެ. ނަމަވެސް ބޭނުންކޮށްފައި ވަނީ ލޮންސި ފަދަ ތަކެެއްޗެވެ. އިންޑިއާގެ އަސްކަރީ އޮފިޝަލަކު ވަނީ ޗައިނާ ސިފައިން ބޭނުންކުރި ބައެއް ހަތިޔާރުގެ ފޮޓޯތަކެއް ބީބީސީ އަށް ފޯރުކޮށްދީފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެއް ހަތިޔާރެއްގެ ގޮތުގައި ވަނީ ދަގަނޑު ގަނޑެއްގައި މޮހޮރު ހަރުކޮށްފަ އެވެ. ދެ ގައުމުން ވެސް 1996 ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ބޯޑަރުގައި ތިބޭ ސިފައިން ބަޑި ޖެހުމަކީ މަނާކަމެކެވެ.

ބޯޑަރުގެ މައްސަލައިގައި ދެ ގައުމުގެ މެދުގައި ދޭތެރެ ދޭތެރެ އިން ކުރިމަތިލުން ހިންގި ނަމަވެސް ހޯމަ ދުވަހުގެ ހާދިސާ އަކީ ވޭތުވެދިޔަ 45 އަހަރު ދުވަހު ތެރޭ ފުރަތަމަ ފަހަރަށް ބަޔަކު މަރުވި ހާދިސާ އެވެ.