ކޮވިޑް-19 އިން އިތުރު 82 މީހަކު ރަނގަޅުވެއްޖެ
ކޮވިޑް-19 އިން އިތުރު 82 މީހަކު ރަނގަޅުވެއްޖެ

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު 2،137 މީހުންގެ ތެރެއިން އިތުރު 82 މީހަކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ބަލިން ރަނގަޅުވެއްޖެ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެ އިދާރާ އިން ބުނީ މިހާރު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަނީ 368 މީހަކު ކަމަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ހަވީރު 6:00 އާ ހަމައަށް ރާއްޖެ އިން އިތުރު 17 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. މި މީހުންނަކީ އިއްޔެ ހަވީރު 6 ން މިއަދު ހަވީރު 6 އަށް ނެގި 964 ސާމްޕަލްތަކުގެ ތެރެއިން ހަމައެކަނި ޕޮޒިޓިވްވި 17 މީހުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެއީ ހަތް ދިވެއްސަކާއި ބަންގްލަދޭޝްގެ ހަ މީހަކާއި އިންޑިއާގެ ތިނެއް އަދި ނޭޕާލްގެ މީހެކެވެ.

ރާއްޖެ އިން މިހާތަނަށް މި ބަލިން ވަނީ 1،759 މީހަކު ރަނގަޅުވެފަ އެވެ. މިހާތަަނށް މަރުވީ އަށް މީހެކެވެ.

މިދިޔަ މާޗް 7 ން ފެށިގެން ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާއިރު، ފަހަކަށް އައިސް އެ ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ޚާއްސަކޮށް މާލެ ސަރަހައްދުގެ ލޮކްޑައުން އަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ބޮޑު ލުޔެއް ދީފައިވާއިރު، އެ ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެގެނެއް ނުދެ އެވެ.