18 ޖޫން 2020 - 21:02

ގއ. މާމެންދޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ކައުންސިލްގެ ރައީސް ޒައީމް މުހައްމަދު މިރޭ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އެ ރަށަށް މާލެއިން ދިޔަ ފިރިހެނެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުމުން އަންގާރަ ދުވަހު ޓެސްޓު ކުރުމުން ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ މީހާ ހުރީ ހޯމް ކަރަންޓީނުގަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވީ އުމުރުން 28 އަހަރުގެ މީހެކެވެ. އޭނާއާއެކު އާއިލާގެ އިތުރު ދެ މީހުން ވެސް މާމެންދު އަށް ދިޔަ އެވެ. ނަމަވެސް އެ މީހުންގެ ޓެސްޓެއް އަދި ނުކުރެ އެވެ.
"ރަށަށް އައިސް ސީދާ ހޯމް ކަރަންޓީނަށް ދިޔައީ،" ޒައީމް ވިދާޅުވި އެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހާ ރަށަށް ދިޔަ މަތިންދާބޯޓުގައި، އެހެން ރަށްރަށުގެ ބަޔަކު ވެސް ތިއްބެވެ. މާމެންދޫގެ މި ޕޮޒިޓިވް ކޭސްއާ ގުޅިގެން މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ.
އައްޑޫގެ ކަރަންޓީން ފެސިލިޓީގައި ހުރި މީހަކު ވެސް މީގެ ކުރިން ޕޮޒިޓިވްވެފައި ވެ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 2،120 ގަ އެވެ. މިހާތަނަށް 1،677 ބަލިން ރަނގަޅު ވެފައިވާއިރު، ފަރުވާގައި ތިބީ 433 މީހެކެވެ.