19 އޮކްޓޯބަރ 2016 - 15:44

ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕުގެ 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި މިއަދު ވާދަކޮށް ރާއްޖޭގެ ޒުވާން ފެތުންތެރިޔާ އައިޝަތު ސާޖިނާ ގައުމީ ރެކޯޑް އާކޮށް އެ އިވެންޓުން ލޯ މެޑަލް ހޯދައިފި އެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި އިއްޔެ ފެށި މުބާރާތުން ސާޖިނާ ލޯ މެޑަލް ހޯދީ 50 މީޓަރު ބްރެސްޓްސްޓްރޯކުގެ 18 އަހަރުން މަތީގެ ކެޓަގަރީންނެވެ. އޭނާ މިއަދުގެ ރޭސް 37.98 ސިކުންތުން ނިންމީ ސްރީ ލަންކާގެ ދެ ފެތުންތެރިން ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ސާޖިނާ މިއަދު އާކުރީ މި އަހަރު ކުރީކޮޅު އޮތް މެލޭޝިއަން އޯޕަންގައި އޭނާ ހެދި ރެކޯޑެވެ.
މިއީ މި އަހަރު ރާއްޖެ އަށް ބައިނަލްއަގްވާމީ މުބާރާތަކުން ލިބުނު ތިން ވަނަ މެޑަލެވެ. ފުރަތަމަ ދެ މެޑަލް ހޯދީ ސާޖިނާގެ ދައްދަ އައިމިނަތު ސަޖަން އެވެ. އޭނާ ލޯ މެޑަލް ހޯދީ މި އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުން އަދި މި އަހަރު ތައިލެންޑުގައި އޮތް ސްޕީޑޯ ތައިލެންޑް އޭޖް ގްރޫޕް ޗެމްޕިއަންޝިޕުގެ 200 މީޓަރު އިންޑިވިޖުއަލް އިވެންޓުނެވެ.
ސައުތު އޭޝިއަން ސްވިމިން ފެޑަރޭޝަނާއި ސްރީލަންކާ އެކުއަޓިކް ސްޕޯޓްސް ޔޫނިއަން ގުޅިގެން ބާއްވާ މި މުބާރާތުގައި މި ސަހަރައްދުގެ ހަތް ގައުމަކުން ބައިވެރިވެ އެވެ. އެއީ ރާއްޖޭ އާއި ލަންކާގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން އަދި ނޭޕާލެވެ. މުބާރާތުގައި ހިމެނެނީ 18 އަހަރުން މަތި، 18 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ ކެޓަގަރީ އެވެ.
މުބާރާތުގައި ރާއްޖޭން 23 ފެތުންތެރިއަކު ވާދަކުރާއިރު ބައިވެރިވުމުގެ ހަރަދު ދީފައިވަނީ ސްޕޯޓްސް މިނިސްްރީންނެވެ.