ޕީޕީއެމް މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަނީ
ޕީޕީއެމް މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަނީ

ޕީޕީއެމް ހިންގުމުގެ ބާރު ރައީސް އަބްދުﷲ ޔާާމީނަށް ލިބޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ތާވަލްކޮށްފި އެވެ.

ޚިޔާލު ތަފާތުވުންތަކުގައި ދެ ބައިވެފައިވާ ޕީޕީއެމް އަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅީ އައްބާސް ވާފިރު، ސ. ހުޅުދޫ ފެންފިޔާޒުވިލާ އެވެ. އޭނާ އެ މައްސަލަ ހުށަހެޅީ އިސްތިއުނާފް ކުރުމުގެ މަސައްކަތް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ކުރަމުން ދަނިކޮށެވެ.

ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު ބާއްވަން ހަމަޖައްސާފައިވާއިރު މިއަދު ހެނދުނު ވެސް އެ މައްސަލަ ތާވަލްކުރި އެވެ. އެކަމަކު ފަހުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.

ހައި ކޯޓުން ޕީޕީއެމަށް ފޮނުވި ޗިޓްގައި އެ ޕާޓީއަކީ އިސްތިއުނާފް ރައްދުވާ ފަރާތުގެ ގޮތުގައި ބުނެފައި އޮތަސް މާދަމާ ބާއްވާ ޝަރީއަތުގައި އިސްތިއުނާފް ރައްދު ވަނީ ދަށު ކޯޓަށް މައްސަލަ ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މުހައްމަދު ޝާހިދަށެވެ.

މައްސަލަ ހުށަހެޅި އައްބާސް އަކީ، ބައެއް މީހުން ބުނާ ގޮތުގައި، ޕީޕީއެމްގެ އާންމު މެމްބަރެކެވެ. އަދި ޝާހިދާ ވެސް ކައިރި މީހެއް ކަމަށްވެ އެވެ.

ޕީޕީއެމް ހިންގުމުގެ ބާރުތައް ޔާމީނަށް ލިބިވަޑައިގަތީ، ޕާޓީގެ މުސްތަޝާރުގެ ބެލުމުގެ ދަށުން ކައުންސިލްގެ ބައްދަލުވުމެއް 24 ގަޑިއިރުގެ ތެރޭގައި ބާއްވަން މިދިއަ އާދިއްތަ ދުވަހު ކޯޓުން ހުކުމްކުރުމުން އޮތް ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ފާސްވެގެންނެވެ. އެ ކައުންސިލް ބޭއްވީ ރައީސް ޔާމީން އިސްކޮށް އިންނަވައިގެން، ކައުންސިލްގައި އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން ހިމެނޭ ގޮތަކަށެވެ.

ޕީޕީއެމްގެ ކައުންސިލްގެ 35 މެމްބަރުންގެ ތެރޭގައި، ކޯރަމް ހަމަވާ ވަރަށް ޕާޓީގެ ރައީސް މައުމޫނަށް ތާއީދުކުރައްވާ މެމްބަރުން ވެސް އެބަ ތިއްބެވި އެވެ. އެހެންކަމުން މައުމޫން ވެސް ގެންދަވަނީ އެ މެމްބަރުންނާ އެކު ކައުންސިލް ބައްދަލުވުންތައް ބާއްވަވަމުންނެވެ.

ސިވިލް ކޯޓުގެ ހުކުމް މައުމޫންގެ ފެކްޝަނުން ގަބޫލެއްނުކުރެ އެވެ. އަދި އިސްތިއުނާފް މަރުހަލާ ނިމުމުގެ ކުރިން ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލު ނުކުރާނެ ކަމަށް މައުމޫންގެ ފެކްޝަނުން ވަނީ ބުނެފަ އެވެ.