18 ޖޫން 2020 - 14:25

ނިއު ދިއްލީ (ޖޫން 18) - އިންޑިއާ އިން އިއްޔެ ރެކޯޑް އަދަދަކަށް ކޮރޯނާވައިރަހަށް މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ކޮރޯނާވައިރަހުގެ ސަމާލުކަން ލެޓިން އެމެރިކާ އަށް ހުއްޓިފައި އޮތް ނަމަވެސް ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމުތަކުގެ ލިސްޓުގެ ހަތަރު ވަނައިގައި އޮތް އިންޑިއާ އިން އިއްޔެ ވަނީ 13،103 މީހުން ޕޮޒިޓިވްވެ 341 މީހުން މަރުވެފަ އެވެ. އޭގެ ކުރީ ދުވަހު އިންޑިއާ އިން ވަނީ 11،135 މީހުން ޕޮޒިޓިވްވެ 2،006 މީހުން މަރުވެފަ އެވެ.
އިންޑިއާ އިން މިހާތަނަށް ވަނީ 368,389 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 12،274 މީހުން މަރުވެފަ އެވެ.
އިންޑިއާގެ ހާލަތު އެންމެ ގޯހީ ވެރިރަށް ނިއު ދިއްލީ، މަހާރާޝްތުރާ އަދި ޓަމިލް ނާޑޫގަ އެވެ. ދިއްލީގެ ހެލްތު މިނިސްޓަރު ސަތިޔަންދަރު ޖައިން އިއްޔެ ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭނާ ޓެސްޓްކުރީ ހުން އައިސް ނޭވާ ކުރުވާން ފެށުމުންނެވެ.
މާހާރާޝްތުރާ ސްޓޭޓުން ޕޮޒިޓިވްވި ދެބައިކުޅަ އެއްބައި މީހުން ތިބީ ސްޓޭޓުގެ ވެރިރަށް މުމްބާއީގަ އެވެ.
އިންޑިއާގެ ލޮކްޑައުން އަށް މިދިޔަ ހަފުތާ އިން ފެށިގެން ލުއިދޭން ފެށުމާ އެކު ކޭސްތައް ވަނީ އެކި ސްޓޭޓްތަކުގައި އިތުރުވާން ފަށައިފަ އެވެ.