18 ޖޫން 2020 - 14:29

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ސިއްހީ ފަރުވާ އަށް "އެކްސްޕެޓްރިއޭޓް އިންޝުއަރެންސް" ނެގުމާއި އާ ކުރުމުގެ ހިދުމަތް އެލައިޑުގެ ޕޯޓަލް މެދުވެރިކޮށް ދޭން ފަށައިފި އެވެ.

އެ ކުންފުނީގެ ޕޯޓަލް myallied.mv މެދުވެރިކޮށް އެ ޚިދުމަތް ދޭން ފެށީ، ކޮވިޑް-19އާ ގުޅިގެން ގޭގައި ތިބި މީހުންނަށް ފުރުސަތު ދިނުމަށް ކަމަށް އެލައިޑުން ބުންޏެވެ. އެހެން ކަމުން މިހާރު އިންޝުއަރެންސް ނަގަން އެލައިޑުގެ އޮފީހުގައި ކިޔޫ ހަދައިގެން ތިބެން ނުޖެހޭނެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީން ވެސް "އެކްސްޕެޓްރިއޭޓް އިންޝުއަރެންސް" ނަގަން ޖެހެ އެވެ.
މި އިންޝުއަރެންސުން ކަވަރުކުރާ ކަންތައްތަކުގެ ތެރޭގައި އެޑްމިޓް ކުރުމުން ދޭ ފަރުވާ އާއި ބިދޭސީއަކު މަރުވެއްޖެ ނަމަ އޭނާގެ ހަށިގަނޑު ގައުމަށް ގެންދިއުމުގެ ޚަރަދު ހިމެނެ އެވެ.
މަރުވާ ބިދޭސީން ރާއްޖޭގައި ވަޅުލާ ނަމަ އެކަމުގެ ޚަރަދުތައް ވެސް ކުރާނީ މި އިންޝުއަރެންސްގެ ދަށުންނެވެ. އެހެންކަމުން ބިދޭސީން ގެންނަ ކުންފުނިތަކަށާއި ބިދޭސީ މީހާގެ އާއިލާ އަށް ވެސް މި އިންޝުއަރެންސްގެ ސަބަބުން ލުއިތަކެއް ލިބޭނެ ކަމަށް އެލައިޑުން ބުނެ އެވެ.
އެކްސްޕެޓްރިއޭޓް އިންޝުއަރެންސަށް ކޮންމެ އަހަރަކު ވެސް ދައްކަން ޖެހޭނީ 550ރ އެވެ.