ޗެމްޕިއަންސް ލީގު އޮގަސްޓް މަހަށް ތާވަލުކޮށްފި
ޗެމްޕިއަންސް ލީގު އޮގަސްޓް މަހަށް ތާވަލުކޮށްފި

ނިޔޯން (ޖޫން 18) – މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން މިނީ މުބާރާތެއްގެ ގޮތުގައި ޕޯޗުގަލްގެ ލިޒްބަންގައި އޮގަސްޓް 12-23 އަށް ބާއްވަން ޔުއެފާ އިން ނިންމައިފި އެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން މާޗު މަހު ޗެމްޕިއަންސް ލީގު މެދުކަނޑާލިއިރު، ނުކުޅެވި ހުރި ދެ ވަނަ ބުރުގެ ހަތަރު މެޗު އޮންނާނީ އޮގަސްޓް 7-8 ގަ އެވެ. އެއީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީގެ މެޗާއި ޗެލްސީ އާއި ބަޔާން މިއުނިކުގެ މެޗާއި ލިޔޯން އާއި ޔުވެންޓަސްގެ މެޗު އަދި ނަޕޯލީ އާއި ބާސެލޯނާގެ މެޗެވެ.

އެ މެޗުތައް ނިމި، ކުއާޓާ ފައިނަލަށް އަށް ޓީމު ހޮވުމާ އެކު، އެ ހިސާބުން ފެށިގެން މުބާރާތް ކުރިއަށްގެންދާނީ އެއް ލެގުގެ އުސޫލުން މިނީ މުބާރާތެއްގެ ގޮތުގަ އެވެ. މެޗުތައް އޮންނާނީ ބެންފީކާގެ އެސްޓޭޑިއޯ ޑަ ލުޒް އާއި ސްޕޯޓިންގެ އެސްޓޭޑިއޯ ހޯސޭ އަލްވަލާޑޭގަ އެވެ.

މި ސީޒަނުގެ ފައިނަލް މެޗު ބާއްވަން ހަމަޖެއްސި ތުރުކީގެ އިސްތަންބޫލަށް ވަނީ އަންނަ ސީޒަނުގެ ފައިނަލް ބާއްވަން ފުރުސަތު ދީފަ އެވެ. އަދި އަންނަ ސީޒަނުގެ ފުރުސަތު ކުރިން ދީފައި އޮތް ރަޝިއާގެ ސެއިންޓް ޕީޓާސްބާގަށް ދެން ފުރުސަތު ލިބޭނީ 2022 ގަ އެވެ.

ޖަރުމަން ލީގާއި ސްޕެނިޝް ލީގާއި ޕްރިމިއާ ލީގު އަދި އިޓާލިއަން ލީގު ކުރިއަށް ގެންދަނީ ސަޕޯޓަރުން ނުވައްދަ އެވެ. ޔުއެފާގެ ރައީސް އެލެކްސެންޑާ ކެފެރިން ވިދާޅުވީ މިވަގުތު ޖަވާބެއް ދެންޏާ ބުނަން ޖެހޭނީ ސަޕޯޓަރުން ވެއްވިދާނެހެން ހީނުވާ ކަމަށެވެ. އެކަމަކު ކަންކަން އަވަހަށް ބަދަލުވަމުން އަންނަ ކަމަށާއި މީގެއް މަހެއް ކުރިން މުބާރާތް ބޭއްވިދާނެކަމެއް ވެސް ނޭގޭ ކަމަށެވެ. އެހެންވެ ސަޕޯޓަރުންނާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫރަޕުގެ ދެ ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން އޮންނާނީ ހަމަ މިނީ މުބާރާތެއްގެ ގޮތުގައި ޖަރުމަނުގަ އެވެ. އެ މުބާރަތް އޮންނާނީ އޮގަސްޓް 10-21 އަށެވެ.