18 ޖޫން 2020 - 14:41

އަމިއްލަ އަށް ވެންޓިލޭޓަރެއް އުފައްދައި ސަމާލުކަން ހޯދި އައްޑޫ މީދޫގެ ޒުވާނެއް ކަމަށްވާ އަހުމަދު މުއީދު އިލެކްޓްރިކް ފޭސް މާސްކެއް އުފައްދައިފި އެވެ.

މުއީދު 25، އީދު "މިހާރު" އަށް ބުނީ މި މާސްކު އުފެއްދީ ފަސް ދުވަހުގެ މަސައްކަތުން ކަމަށާއި މި މާސްކުގައި ކަރަންޓު ފިލްޓާއެއް ހަރުކޮށް، ބޭރުން ވަންނަ ވައި ސާފުކޮށް ފިލްޓަވާނެ ކަމަށެވެ.

މާސްކުގައި ވައި ސާފުކުރުމަސް ބޭނުންކޮށްފައި ވަނީ މައިކްރޯ ފައިބާގެ ދެ ފަށަލައަކާއި ބަޝްލެސް ޑީސީ ފޭން އެކެވެ. އެކި ފަށަލަތަކަށް ބަހާލާފައިވާ މި މާސްކުގެ އެންމެ ބޭރުގައި އިންނާނީ ފިލްޓާ ކެޕެކެވެ. އޭގެ އެތެރެއިން ފުރަތަމަ މައިކްރޯ ފައިބާ ފިލްޓާ ލޭޔާ އިންނަ އިރު އެ ލޭޔާގެ އެތެރޭގައި ހަރުކޮށްފައިވާ ފަންކާއިން، ބޭރުގައި ހުންނަ ވައި އެތެރެއަށް ދަމައިގަންނާނެ އެވެ.
އެ ވައި އެތެރެވާނީ ފުރަތަމަ ފިލްޓާ ލޭޔާ އިން ސާފުވެގެންނެވެ. ފޭންގެ ފަހަތަށް އިތުރު މައިކްރޯ ފައިބާ ފިލްޓާ ލޭޔާއެއް ހަރުކޮށްފައި ވާއިރު މީހާއާ ހަމައަށް ވައި ދާނީ ދެވަނަ ލޭޔާ އިން ވެސް ސާފު ވެގެންނެވެ. މުއީދު ބުނި ގޮތުގައި މިގޮތަށް ހެދުމުން މި މާސްކުން 95 ޕަސެންޓަށް ވައި ސާފުކޮށްދޭނެ ކަމަށެވެ.
ފަންކާ ހިންގަން މާސްކްގައި ބޭނުންކޮށްފައިވަނީ ލިތިއަމް އައޮން ބެޓެރި އެވެ. މާސްކް ބޭނުންކުރުމަށް ޖެހޭނީ ޗާޖުކުރާށެވެ. އޭގައި ބޭނުންކޮށްފައިވާ ލިތިއަމް އައޮން ބެޓެރީތައް އަށް ގަޑިއިރަށް ބާރު ހުންނާނެ އެވެ. އަދި މާސްކުގެ ބާކީ މައިގަނޑަކީ ފޮތިން ހަދާފައިވާ އެއްޗެއް ކަމަށާއި އެބައި ދޮވެވޭނެ ކަމަށް ވެސް މުއީދު ބުންޏެވެ.
މުއީދު ބުނި ގޮތުގައި މި މާސްކަކީ އެންމެނަށް ވެސް ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ ފެންވަރު ރަނގަޅު އެއްޗެކެވެ. އަދި ކުރިއަށް އޮތްތަނުގައި ވިޔަފާރި އުސޫލުން މި ވިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.