އިންތިޚާބު ކާމިޔާބު ކުރަން ޗައިނާގެ އެހީ ހޯދަން ޓްރަމްޕް އުޅުއްވި
އިންތިޚާބު ކާމިޔާބު ކުރަން ޗައިނާގެ އެހީ ހޯދަން ޓްރަމްޕް އުޅުއްވި

ވޮޝިންޓަން (ޖޫން 18) - ވެރިކަމުގެ ދެ ވަނަ ދައުރެއް ކާމިޔާބު ކުރައްވަން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އެހީ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯއްދެވި ކަމަށް ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަންގެ އާ ފޮތުގައި ބުނެފި އެވެ.

އިންތިޚާބު ކާމިޔާބު ކުރަން ޗައިނާގެ އެހީ ހޯދަން ޓްރަމްޕް އުޅުއްވި
އިންތިޚާބު ކާމިޔާބު ކުރަން ޗައިނާގެ އެހީ ހޯދަން ޓްރަމްޕް އުޅުއްވި

އަންނަ ހަފުތާގައި ނެރޭ ބޯލްޓަންގެ ފޮތުގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ޗައިނާ އިން ގަތުމަށް ޓްރަމްޕް ބޭނުންވި އެވެ. ފޮތް ނެރުމުގެ ކުރިން އެމެރިކާގެ ބައެއް މީޑިއާތަކަށް ވަނީ ފޮތް މިހާރު ލިބިފަ އެވެ.

އިންތިޚާބު ކާމިޔާބު ކުރަން ޗައިނާގެ އެހީ ހޯދަން ޓްރަމްޕް އުޅުއްވި
އިންތިޚާބު ކާމިޔާބު ކުރަން ޗައިނާގެ އެހީ ހޯދަން ޓްރަމްޕް އުޅުއްވި

ބޯލްޓަންގެ ފޮތުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހު ޖަޕާނުގެ އޮސާކާގައި ބޭއްވި ޖީ20 ސަމިޓުގެ ތެރޭގައި ޓްރަމްޕް ވަނީ ޗައިނާގެ ރައީސްއާ ބައްދަލު ކުރައްވައިފަ އެވެ.

"ޓްރަމްޕް ވަނީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލައްވައި، މި އަހަރު އޮންނަ އިންތިޚާބުން ކާމިޔާބު ހޯދަން ޝީގެ އެހީ އަށް އެދިވަޑައިގެންފައި،" ބޯލްޓަން ލިޔުއްވާފައިވެ އެވެ. "އަދި އެމެރިކާގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ޗައިނާ އިން ގަތުމަށް އެދިވަޑައިގަތް."

އެމެރިކާގެ އިންތިޚާބުގައި ދަނޑުވެރިންނަކީ މުހިންމު ވޯޓިން ބޮލޮކެކެވެ. އެންމެ ފަހުން 2016 ގައި ބޭއްވި އިންތިޚާބުގައި ވެސް ދަނޑުވެރިންގެ ބޮޑު އަޣުލަބިއްޔަތެއް ތާއީދުކުރީ ޓްރަމްޕަށެވެ.

ބޯލްޓަން ވިދާޅުވެފައި ވަނީ ޓްރަމްޕް އިމްޕީޗްކުރުން ޔުކްރޭނުގެ މައްސަލަ އަށް ވުރެ ފުޅާކޮށް އެހެން މައްސަލަތައް ވެސް ތަހުގީގު ކުރި ނަމަ ތަފާތު ނަތީޖާއެއް ނުކުތީސް ކަމަށެވެ. ސިޔާސީ ވާދަވެރިޔާ ޖޯ ބައިޑަންގެ މައްސަލައެއް ބެލުމަށް ޔުކްރޭނަށް މަޖްބޫރު ކުރުވި މައްސަލައިގެ އިމްޕީޗްމަންޓުން ޓްރަމްޕް ވަނީ ސަލާމަތްވެފަ އެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑު ވަޒީރު ތެރެސާ މެއިއާ އެކު 2018 ގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ އިނގިރޭސި ވިލާތަކީ ނިއުކްލިއާ ބާރެއްތޯ ޓްރަމްޕް ސުވާލު ކުރައްވާފައި ކަމަށް ބޯލްޓަންގެ ފޮތުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ފިންލެންޑަކީ ރަޝިޔާގެ ބައެއްތޯ ކުރީގެ ޗީފް އޮފް ސްޓާފް ޖޯން ކެލީގެ އަރިހު ޓްރަމްޕް އައްސަވާފައި ކަމަށް ވެސް ބޯލްޓަން ލިޔުއްވާފައިވެ އެވެ.

ފޮތުގައި ބުނެފައިވާ ގޮތުގައި ވެނެޒުއެލާ އަށް އަރައިގަތުމަކީ ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި "ކޫލް" ކަމެކެވެ. އަދި ސައުތު އެެމެރިކާގެ އެ ގައުމަކީ އެމެރިކާގެ ބައެއް ކަމަށް ޓްރަމްޕް ގަބޫލް ކުރައްވާ ކަމަށް ވެސް ފޮތުގައިވެ އެވެ. އެކަމަކު އަފްޣާނިސްތާނަށް އެރުން ފަދަ ކަންކަން ޓްރަމްޕް ގަބޫލް ނުކުރައްވާ ކަމަށް ބުނެފައިވެ އެވެ.

"މިކަން ކޮށްފައިވާ ވަނީ މޮޔަ މީހެއް ކަމަށްވާ ޖޯޖް ބުޝް،" އެމެރިކާގެ ކުރީގެ ރައީސް އަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވި ކަމަށް ފޮތުގައިވެ އެވެ.

ބޯލްޓަން ތުހުމަތު ކުރައްވާފައިވާ ގޮތުގައި ވައިޓް ހައުސްގައި ޓްރަމްޕުގެ އެންމެ ގާތް މީހުން ވެސް ދެކެނީ ޓްރަމްޕަކީ "އަގެއް ނެތް" މީހެއްގެ ގޮތުގަ އެވެ. އަދި އިސްވެރިން ވެސް ތިބެނީ މާޔޫސްވެ ޓްރަމްޕް ކައިރިން ސަލާމަތްވެ އިސްތިއުފާ ދިނުމުގެ މޫޑުގައި ކަމަށް ބުނެފައިވެ އެވެ.

ޓްރަމްޕް ސަރުކާރުން މިހާރު ދަނީ ބޯލްޓަންގެ ފޮތް ނެރުން ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ބޯލްޓަންގެ ފޮތުގައި ވަނީ ސިއްރު މައުލޫތު ކަމަށާއި އެ ފޮތް ނެރުމަކީ ގާނޫނާ ޚިލާފަށް ކުރާ ކަމެއް ކަމަށެވެ.

"ދަ ރޫމް ވެއާ އިޓް ހެޕަންޑް" ގެ ނަމުގައި ނެރޭ 577 ސަފުހާގެ ފޮތް ނެރުމަށް ހަމަޖެހިފައި ވަނީ މި މަހު 23 ވަނަ ދުވަހު އެވެ. ފޮތް ނެރުން ހުއްޓުވުމުގެ އަމުރަކަށް އެދި ޖަސްޓިސް ޑިޕާޓްމަންޓުން މިހާރު ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ފޮތުގެ ޕަބްލިޝާ ބުނެފައި ވަނީ އެތައް ހާސް ކޮޕީއެއް މިހާރު ދުނިޔޭގެ އެކި ގައުމުތަކަށް ފޮނުވާފައިވާ ކަމަށެވެ.

ނޮވެމްބަރު މަހު އޮންނަ އިންތިޚާބުގައި ޓްރަމްޕްއާ ވާދަކުރައްވާ ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ވިދާޅުވީ ފޮތުގައި ހުރި ވާހަކަތައް ތެދު ނަމަ ޓްރަމްޕް ވަނީ އެމެރިކާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަތިވެރި ވާޖިބާ ޚިލާފުވެވަޑައިގެންފައި ކަމަށެވެ.

ބޯލްޓަން ވައިޓް ހައުސްގެ މަގާމަށް ވަޑައިގެންނެވީ އެޕްރީލް 2018 ގަ އެވެ. މަގާމުން ވަކިވެވަޑައިގެންނެވީ ޖެހިގެން އައި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް ބޯލްޓަން ވިދާޅުވި ނަމަވެސް ޓްރަމްޕް ވިދާޅުވެފައި ވަނީ ޚިޔާލު ތަފާތުވެގެން އޭނާ މަގާމުން ދުރުކުރީ ކަމަށެވެ.