18 ޖޫން 2020 - 12:11

ޔުނައިޓެޑް ނޭޝަންސް (ޖޫން 18) - އދ.ގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް 2021 އަދި 2022 ގެ ދައުރުގެ މެންބަރު ކަމަށް އިންޑިއާ، މެކްސިކޯ، ނޯވޭ އަދި އަޔަލެންޑް އިންތިޚާބުކޮށްފި އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި ރޭ ނެގި ވޯޓުގައި ދާއިމީ ނޫން މެންބަރުންގެ ގޮތުގައި އިންޑިއާ، ނޯވޭ، މެކްސިކޯ އަދި އަޔަލެންޑް ހޮވިއިރު ޖިބޫތީ އާއި ކެންޔާ އަށް ވަނީ އާއްމު މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓު ނުލިބުމުގެ ސަބަބަބުން ގޮނޑި ކާމިޔާބު ނުކުރެވި އެވެ. އެހެންވެ، ދެ ވަނަ ބުރުގެ ވޯޓުލުން މިރޭ ބާއްވާނެ އެވެ.
ވަރުގަދަ ކެމްޕޭނެއް ކުރި ނަމަވެސް ކެނެޑާ މި ފަހަރު ވެސް ވަނީ އަޔަލޭންޑާއި ނޯވޭއާ ވާދަކޮށް ބަލިވެފަ އެވެ. އޭޝިއާ ޕެސިފިކުން ވާދަކުރި އިންޑިއާ ވަނީ އާއްމު މަޖިލީހުގެ 192 ވޯޓުގެ ތެރޭން 184 ވޯޓު ހޯދައިފަ އެވެ. މެކްސިކޯ އިން ވެސް ވަނީ 187 ވޯޓު ހޯދައިފަ އެވެ. ކެންޔާ އަށް 113 ވޯޓު ލިބުނު އިރު ޖިބޫތީ އަށް ލިބުނީ 78 ވޯޓެވެ.
އަންނަ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ދެ އަހަރުގެ ޓާމް އިންޑިއާ އިން ފަށާއިރު މިއީ ސަލާމަތީ މަޖިލީހުގައި އެ ގައުމު ތަމްސީލް ކުރާ އަށް ވަނަ ފަހަރެވެ. އެންމެ ފަހުން 2010 ވަނަ އަހަރުގެ ސަލާމަތީ މަޖިލީހަށް ވާދަކުރި އިރު އިންޑިއާ ވަނީ 187 ވޯޓު ކާމިޔާބުކޮށްފަ އެވެ. އޭޝިއާ ޕެސިފިކުން ސަލާމަތީ މަޖިލީހަށް ވާދަކުރާ ގައުމެއްގެ ގޮތުގައި އިންޑިއާ ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
އެފްރިކާ އަދި އޭޝިއާ-ޕެސިފިކުން ހުސްވި ތިން ޖާގައަށް ކުރިމަތިލީ އިންޑިއާގެ އިތުރުން ކެންޔާ އާއި ޖިބޫތީ އެވެ. އެފްރިކާ އިން ކެންޔާ އާއި ޖިބޫތީ ވާދަކޮށް އެއްވެސް ގައުމަކަށް ތިންބައިކުޅަ އެއްބައި ވޯޓު ނުލިބުމުން މިރޭ އަލުން ވޯޓު ނަގަން ނިންމީ އެވެ. ލެޓިން އެމެރިކާ އާއި ކެރީބިއަން އިން ހުސްވި ޖާގައަށް ވާދަކުރީ މެކްސިކޯ އެވެ. ހުޅަނގު ޔޫރަޕުން ހުސް ދެ ޖާގަ އަށް ވާދަކުރީ ކެނެޑާ، އަޔަލެންޑް އަދި ނޯވޭ އެވެ.
ދާއިމީ ނޫން 10 ގައުމުގެ ޖާގަތައް ބަހާލާފައި ރީޖަންތަކަށެވެ. އެފްރިކާ އަދި އޭޝިއާ އަށް ފަސް ޖާގަ، އިރުމަތީ ޔޫރަޕަށް އެއް ޖާގަ، ލެޓިން އެމެރިކާ އަދި ކެރީބިއަން އަށް ދެ ޖާގަ، ހުޅަނގު ޔޫރަޕާއި އެހެން ގައުމުތަކަށް ދެ ޖާގަ އެވެ.
ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ފަސް ގައުމުގެ އިތުރުން ދާއިމީ ނޫން 10 ގައުމު ސަލާމަތީ މަޖިލީހުގައި ހިމެނެ އެވެ. ދާއިމީ ފަސް މެންބަރުންނަކީ އިނގިރޭސި ވިލާތް، ޗައިނާ، ފްރާންސް، ރަޝިޔާ އަދި އެމެރިކާ އެވެ.
އަލަށް ހޮވާ ފަސް ގައުމާ އަދި ދާއިމީ ފަސް ގައުމާ އެކު އަންނަ އަހަރު ސަލާމަތީ މަޖިލީހުގައި ދެން ތިބޭނީ އެސްޓޯނިއާ، ނައިޖާ، ސެއިންޓް ވިންސެންޓް އެންޑް ގްރެނެޑީންސް، ޓިއުނީޝިއާ އަދި ވިއެޓްނާމެވެ. ދެ އަހަރުގެ ޓާމުގެ މުއްދަތު މި އަހަރަށް ފަހު ހަމަވާނީ ބެލްޖިއަމް، ޑޮމިނިކަލް ރިޕަބްލިކް، ޖާމަނީ، އިންޑޮނީޝިއާ އަދި ސައުތު އެފްރިކާ އެވެ.