19 އޮކްޓޯބަރ 2016 - 16:02

ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގެ ކުރީގެ ވަޒީރުންނާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މަޝްވަރާކުރައްވައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު މައުމޫން ބައްދަލުކުރެއްވީ އެ މަނިކުފާނުގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނެވެ. އެކަމަކު، އެ މަޝްވަރާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މި ތިން ބޭފުޅުންނާ މައުމޫން މަޝްވަރާ މި ކުރެއްވީ، މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު މައްސަލަ ބޮޑުވެ، ޕީޕީއެމްގައި މައުމޫން އަދާކުރައްވާ ހުރިހާ ޒިންމާތަކެއް ސިވިލް ކޯޓުން ރައީސް ޔާމީނާ ހަވާލުކޮށްފައި ވަނިކޮށެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން އަމީން ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައި ވަނީ ވަރަށް ކަންބޮޑު ވާންޖެހޭ ހާލަތެއް ކަމަށެވެ. ޕީޕީއެމަށް ދިމާވެފައިވާ މައްސަލަތަކުގެ އިތުރުން މުޅި ގައުމުގެ ހާލަތު ވެސް ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ގައުމު ހަމަ މަގަށް އެޅުވުމަށް ކުރާ މަސައްކަތުގައި ކުރީގެ ވަޒީރުންގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިފައި ހުރި މަންޒަރުތަކާއި އިވިފައި ހުރި އަޑުތަކާއި ލިބިފައިވާ ތަޖުރިބާގެ އަލީގައި މަސައްކަތްތަކެއް ކުރަން ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވަނީ،" މިދިޔަ އަހަރު ކެބިނެޓުން އިސްތިއުފާ ދެއްވި އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް މައުމޫނާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނުގެ "ވަރަށް ފުން ވިސްނުންތަކެއް" ވަނީ އިވިވަޑައިގެންފަ އެވެ. ތަފްސީލު ނުދެއްވައި އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ގައުމުގެ ކަންކަން އިސްލާހުކުރަން މަސައްކަތް ފެށުމަކީ އަލިމަގެއް ފެންނާނެ ކަމެއް ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި ރައީސް ޔާމީންގެ ކެބިނެޓުން ވަކިވެވަޑައިގެންފައި ތިއްބެވި އެހެން ވަޒީރުން ވެސް ކުރިއަށް އޮތް ތަނުގައި ފެންނާނެ އެވެ.
ޕީޕީއެމްގެ ހުރިހާ ބާރުތަކެއް ރައީސް ޔާމީން ނަންގަވައި އެ ޕާޓީ މިހާރު ހިންގަމުން އަންނަނީ ދެ ފެކްޝަނެއްގެ ގޮތުގަ އެވެ. ޕާޓީގެ ހުރިހާ ބާރުތަކެއް ރައީސް ޔާމީން ނެންގެވިޔަސް އެއީ ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އެ މައްސަލަ އިސްތިއުނާފްކުރައްވަން މައުމޫން ވަނީ ނިންމަވައިފަ އެވެ. އެ މަސައްކަތް އެ މަނިކުފާނުގެ ފަރާތްޕުޅުން ކުރަމުން އަންނަނިކޮށް، އަމިއްލަ ފަރާތަކުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
މައުމޫން ވިދާޅުވެފައި ވަނީ ކޯޓުން ރައީސް ޔާމީނާ ޕާޓީ ހަވާލުކުރިޔަސް ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރައީސް ޔާމީންގެ މަގާމަކީ ރަމްޒީ މަގާމެއް ކަމަށެވެ. ޕާޓީ ހިންގުމުގެ އިދާރީ އެއްވެސް ކަމެއް ކުރެއްވުމުގެ ހައިސިއްޔަތެއް މުސްތަޝާރުގެ މަގާމުގައި ހުންނެވި ރައީސް ޔާމީނަށް ލިބިވަޑައިނުގަންނަވާ ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.