19 ޖޫން 2020 - 09:15

މިދިޔަ އަހަރު ޝާހިދު ކަޕޫރް ކުޅުނު "ކަބީރު ސިންގް" އަކީ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމަކީ 2018 ގައި ރިލީޒްކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކެކެވެ. ޝާހިދު މިހާރު މަސައްކަތް ފަށާފައި އޮތް ފިލްމު "ޖާޒީ" އަކީ ވެސް ތެލެގޫ ފިލްމެއްގެ ރިމޭކެކެވެ. އެއީ ހަމަ އެ ނަމުގައި މިދިޔަ އަހަރު ގެނެސްދިން ފިލްމެކެވެ.
"ޖާޒީ" ގެ ތެލެގޫ ފިލްމު ވެސް ގެނެސްދިން ޑައިރެކްޓަރު ގޯތަމް ތިނައްނޫރީ ޑައިރެކްޓްކުރާ ހިންދީ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޮގަސްޓް މަހުގެ 28 ގަ އެވެ.
ރިޕޯޓްތައް މިހާރު ބުނާ ގޮތުން ޝާހިދަށް އަނެއްކާ ވެސް އިންޑިއާގެ ދެކުނުގެ ފިލްމެއްގެ ރިމެކެއް ވަނީ ހުށަހަޅައިފަ އެވެ. އެއީ އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ ތަމަޅަ އެކްޝަން ޑްރާމާ "ސޫރަރާއި ޕޮއްޓުރޫ" އެވެ. މި ފިލްމަކީ "ލަންޗްބޮކްސް" އާއި "ގޭންގްސް އޮފް ވަސޭޕޫރް" އަދި "މަސާން" ފަދަ ކާމިޔާބު ހިންދީ ފިލްމުތައް ގެނެސްދިން ގުނީތު މޮންގާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
ފިލްމުފެއާ އިން ބުނިގޮތުގައި "ސޫރަރާއި ޕޮއްޓުރޫ" ގެ ސްކްރިޕްޓް ވެސް މިހާރު މޮންގާ ވަނީ ޝާހިދަށް ފޮނުވައިފަ އެވެ. އަދި އޭނާ ފިލްމަށް އެއްބަސްވާނެކަމުގެ ފެހި ސިގްނަލް ދިނުމާ އެކު، ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ.
މީޑިއާތަކުން ބުނިގޮތުގައި ފިލްމުގެ ޓީމު އޮތީ ޝާހިދު ފިލްމަށް އެއްބަސްވުމާ އެކު އިތުރު ކާސްޓުން ވެސް ފައިނަލްކުރާ ގޮތަށް ތައްޔާރުވެގެންނެވެ.
"ސޫރަރާއި ޕޮއްޓުރޫ" އަކީ ސުދާ ކޮންގާރާ ޑައިރެކްޓްކޮށް، މަޝްހޫރު އެކްޓަރު ސޫރިއާ ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ. މީގައި ކިޔައިދެނީ އިންޑިއާގެ ކުރީގެ އަގުހެޔޮ އެއާލައިނެއް ކަމަށްވާ އެއާ ޑެކަންގެ އާއި އޭގެ ބާނީ ޖީއާރް ގޯޕީނާތުގެ ވާހަކަ އެވެ.
ކޮވިޑް-19އާ ހެދި އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި އޮތުމުން ރިލީޒްނުކުރެވި އޮތް ފިލްމު ހަދާފައި ވަނީ 15 ކްރޯޑް ރުޕީސް (1.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.