18 ޖޫން 2020 - 08:26

މެންޗެސްޓާ (ޖޫން 18) - ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ރޭ އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަށައި ކުޅުނު ދެ ވަނަ މެޗުން، މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ފަސޭހަކަމާ އެކު 3-0 އިން އާސެނަލް ބަލިކޮށްފި އެވެ.

ސަތޭކަ ދުވަހަށް ފަހު ލީގު އަލުން ފެށި މެޗުގައި ރޭ ޝެފީލްޑް ޔުނައިޓެޑާއި އެސްޓަން ވިލާ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ސިޓީ ކުޅުނު މެޗުން މޮޅުވުމުން ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ލީޑު ވަނީ 22 ޕޮއިންޓަށް ކުޑަވެފަ އެވެ. ލިވަޕޫލަށް 29 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، ސިޓީގެ އޮތީ 29 މެޗުން 60 ޕޮއިންޓެވެ.
ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ހަމަޖެހިފައިވާއިރު، ސިޓީން ވަނީ ޕްރިމިއާ ލީގުން ދީފައިވާ ހުއްދައާ އެއްގޮތަށް ދަނޑުގައި ބޮޑު ސްކްރީނެއް ބަހައްޓައި ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ގޭގައި ތިބޭ ސަޕޯޓަރުން މެޗު ބަލަން ތިބޭ މަންޒަރު ފެންނަ ގޮތް ހަދައިފަ އެވެ. ރޭގެ މެޗުގެ ކުރިން ވަނީ ކޮވިޑުގައި މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނެސްފަ އެވެ. އަދި ސިއްހީ ހިދުމަތްތެރިގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅުންތެރިންގެ ޖާޒީގައި ހާއްސަ ބެޖެއް ވަނީ ޖަހައިފަ އެވެ. ކުޅުންތެރިންގެ ޖާޒީގެ ފަހަތުގައި ނަމުގެ ބަދަލުގައި، ޖަހާފައިވަނީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ހިންގާ ކެމްޕެއިނަށް ހިތްވަރުދޭ މެސެޖް "ބްލެކް ލައިވްސް މެޓާ" އެވެ. އަދި މެޗު ފެށުމުގެ ކުރިން ރޭސިޒަމާ ދެކޮޅު ކެމްޕެއިނުގައި ބައިވެރިވާ ކަމުގެ ރަމްޒީ ނިޝާނެއްގެ ގޮތުން ދެ ޓީމުގެ ކުޅުންތެރިންނާއި ރެފްރީ ވެސް ވަނީ ކަކޫ ޖައްސައިގެން އިށީދެފަ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން އާސެނަލުން ކުޅެން މަސައްކަތްކުރި ނަމަވެސް ފުރަތަމަ 22 ވަރަކަށް މިނިޓް ތެރޭ އެ ޓީމަށް ވަނީ އަނިޔާގެ ސަބަބުން ދެ ބަދަލެއް ގެންނަން ޖެހިފަ އެވެ. އެގޮތުން ގްރޭނިޓް ޝާކާ އާއި ޕަބްލޯ މާރީގެ ބަދަލުގައި ޑެނީ ސެބާޔޯސް އާއި ޑޭވިޑް ލުއިޒް ވަނީ ކުޅެން އަރުވައިފަ އެވެ.
ސިޓީން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރަހީމް ސްޓާލިން ވައްދާލި ގޯލަކުންނެވެ. މިއީ ލުއިޒް އަތުން ހެދުނު ގޯހަކުން ލިބުނު ބޯޅައެއް ހޯދައި ސްޓާލިން ކާމިޔާބުކުރި ގޯލެކެވެ. މިއީ 12 މެޗަށް ފަހު ސްޓާލިން ޖެހި ފުރަތަމަ ގޯލެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ސިޓީން ލީޑު ފުޅާކުރީ ޕެނަލްޓީ އަކުން ކެވިން ޑިބްރޭނާ ޖެހި ގޯލުންނެވެ. މިއީ ސިޓީގެ ރިޔާދު މާރޭޒަށް އޭރިއާ ތެރެއިން ލުއިޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ފައުލާ އެކު ލުއިޒަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެއީ މި ސީޒަނުގެ ލީގުގައި އޭނާ އަށް ދެއްކި ދެ ވަނަ ރަތް ކާޑެވެ.
ފީފާ އިން ދީފައިވާ ވަގުތީ ހުއްދައިގެ ދަށުން ޕްރިމިއާ ލީގުގައި ވެސް މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރަން ފުރުސަތު ދޭއިރު، ރޭ އާސެނަލާއި ސިޓީން ވެސް ވަނީ ހުރިހާ ބަދަލެއްގެ ބޭނުން ހިފައިފަ އެވެ. ސިޓީގެ ފަހު ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ފިލް ފޯޑެން އެވެ.
މިއީ މި އަހަރު ލީގުގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ. އަދި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އޭނާ ކުރިން މަސައްކަތްކުރި ޓީމު ކަމަށްވާ ސިޓީއާ ދެކޮޅަށް ކޯޗިން ކެރިއަރުގައި ނުކުތް ފުރަތަމަ ފަހަރެވެ.
"ފުރަތަމަ މިނިޓުން ފެށިގެން އަހަރެމެންގެ ރޭވުން ބަދަލުކުރަން ޖެހިއްޖެ. އަނިޔާ އާއި އެހެން މައްސަލަ ތަކުގެ ސަބަބުން އަބަދުވެސް އޮތީ އެހެން ޕްލޭނެއް އިހުތިޔާރުކުރަން ޖެހިފައި،" އާޓެޓާ ބުންޏެވެ.
އޭނާ ބުނީ މެޗުން ބަލިވުމުގެ ހުރިހާ ޒިންމާއެއް ލުއިޒް ބޮލުގައި ނާޅުވާނެ ކަމަށާއި ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ރޭގެ މެޗުގެ ސްކޮޑުގައި ނެތީ ޓެކްޓިކަލް ނިންމުމެއްގެ ސަބަބުން ކަމަށެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗު ފަށައިގެން ވަކި ހިސާބަކަށް ސިޓީން ދެއްކީ ވަރަށް އާދައިގެ ކުޅުމެއް ކަމަށާއި އެކަމަކު ފަހުން ހަމައަކަށް އެޅި ކުޅުންތެރިންގެ ޒިންމާ ރަނގަޅަށް ދަނެގެން ކުޅެން ފެށި ކަމަށެވެ. އެހާ ގިނަ ދުވަހަށް ފަހު އެނބުރި އައިސް މޮޅަކުން ފެށުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށް ގާޑިއޯލާ ބުންޏެވެ.
ސްޓާލިން ބުނީ ސަޕޯޓަރުން ނުވައްދައި މެޗު ކުޅެން ޖެހުމުން ފުރަތަމަ 10 ވަރަކަށް މިނިޓްގައި ކުރެވުނީ ތަފާތު އިހުސާސެއް ކަމަށާއި އުއްމީދުކުރަނީ ވީހާ އަވަހަކަށް ކޮވިޑް-19ގެ ހާލަތުން އަރައިގަނެ ސަޕޯޓަރުން ވައްދައިގެން މެޗުތައް ކުޅެވުން ކަމަށެވެ.