17 ޖޫން 2020 - 21:06

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލައެއް، އަނެއްކާ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައި، އެ މައްސަލަ ތަހުގީގު ކުރާނެ ކޮމެޓީ ނަގައިފި އެވެ.
ގާޒީ އަބްދުﷲ އަލީގެ މައްސަލައެއް، މިދިޔަ ޖެނުއަރީ މަހު ވެސް ޖޭއެސްސީން ބެލި އެވެ. އަދި އެހެން މައްސަލައެއް މިިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް ބެލި އެވެ.
ޖޭއެސްސީން މިއަދު ބުނިގޮތުގައި ގާޒީ އަބްދުﷲ އަލީއާ ގުޅޭގޮތުން ބަލަން ނިންމީ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި ދައުވާ ކުރާ ފަރާތުގެ ބަދަލުގައި، ކޯޓަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ފަރާތް ހާޒިރުނުކޮށް މައްސަލަ ބާތިލް ކުރި ކަމަށް ބުނާ މައްސަލައެކެވެ.
އޭނާގެ އިތުރުން ވެސް، އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ވަނީ ނިންމައިފަ އެވެ. އެއީ ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ އާއި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދެވެ.
މީގެ ތެރެއިން ފުވައްމުލަކު މެޖިސްޓްރޭޓް މުލްހާއާ ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލްވާ އެކި ފަރާތްތަކާއެކު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބޭއްވުމާއި ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދުގެ މުއްދަތު ޖަހާފައިވަނިކޮށް، އެ އަމުރު މުރާޖައާކޮށް ގޮތް ނިންމި ކަމަށް ބުނާ މައްސަލަ އެކެވެ. އަދި އާއިލީ ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރިވުމާއި ފުލުހުންގެ އިދާރާއިން ހިންގި ތަހުގީގަކަށް ހުރަސް އަޅައި، ހެކި ނައްތާލަން މަސައްކަތްކޮށް ފަނޑިޔާރަކު އަމަލުތައް ބަހައްޓައިގެން ނުވާނެ ގޮތަކަށް އަމަލު ކުރި ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ކޮނޑޭ މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމްއާ ގުޅޭ ގޮތުން ބަލަން ނިންމީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގައި ބަޔާން ކުރާ ފަދަ އާއިލީ ގުޅުން އޮންނަ ފަރާތެއް އެ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށް ހަމަޖެއްސުމުގައި އިހުމާލުވި ކަމަށް ބުނާ މައްސަލަ އެކެވެ. އަދި ހުޅުމާލޭ ކޯޓުގެ މެޖިސްޓްރޭޓް ސިޔާމާ، މީހަކު ބަންދުގައި ބެހެއްޓުމާ ގުޅޭގޮތުން ގޮތް ނިންމި އިރު، ހަގީގަތާ ހިލާފަށް އަދި ޒިންމާދާރުކަން ކުޑަގޮތެއްގައި، ލިބިފައިވާ މައުލޫމާތު އޮޅޭގޮތަށް އަމަލު ކުރި ކަަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް ވެސް، މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.