17 ޖޫން 2020 - 19:23

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ގައި ހާލު ބޮޑުވެ އޮކްސިޖަން ދޭންޖެހޭ ހާލަތުގައި ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ބޮޑުކޮށްދޭ ބޭހެއްކަން ކަށަވަރުވެފައިވާ ޑެކްސަމެތަސޯން ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި ވިލާތުގެ ސަރުކާރުން މިއަދު ދީފި އެވެ.
އިނގިރޭސި ވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއާ އިން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 ގައި ފުރާނަ އަށް ނުރައްކާވުން އެތައް ގުނައެއް ކުޑަކޮށްދޭކަން އެ ގައުމުގައި ކުރި ތަހުލީލުތަކުން ކަށަވަރުވެފައިވާ ޑެކްސަމެތަސޯން، ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއްގައި ބޭނުންކުރުމަށް މިއަދުން ފެށިގެން ހުއްދަ ދީފައިވާ ކަމަށާއި އެ ބޭސް ލިބެން ހުންނާނެކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.
މިއީ ވަރަށް ކުރިން ވެސް އެކި ކަންކަމަށް ބޭނުންކުރަމުން އަންނަ އަގު ހެޔޮ، އާންމު ބޭހެކެވެ.
"ފުރާނަ އަށް ނުރައްކާވުން ކުޑަކޮށްދޭކަން މިހާތަނަށް ކަށަވަރު ކުރެވުނު މި ފަރުވާ އަށް ސަރުކާރުން ވަގުތުން ހުއްދަ ދިނުމުން ކޮވިޑް-19 ގައި އެތައް ބައެއްގެ ފުރާނަ އިނގިރޭސި ވިލާތުގައި ސަލާމަތްކުރެވޭނެ އެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
ޑެކްސަމެތަސޯން ބޭނުންކުރާނީ ކޮވިޑް-19 ގައި ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އޮކްސިޖަން ދޭންޖެހޭ ހާލަތަށްދާ މީހުންނަށެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރުގައި ފަރުވާ ދޭ މީހުން ވެސް ހިމެނެ އެވެ.
ސަރުކާރުގެ ބަޔާނުގައި ވެސް ވަނީ މި ބޭހުން، ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހޭ މީހުންގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު 35 ޕަސެންޓް އިތުރުކޮށްދޭކަން ފާހަގަކޮށްފަ އެވެ. އަދި އޮކްސިޖަން ދޭންޖެހޭ މީހުންގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު 20 ޕަސެންޓަށް މި ބޭހުން އިތުރުކޮށްދޭ ކަމަށާއި ކޮވިޑް-19 ގައި ހާލު ބޮޑުވާ ހާލަތުގައި 28 ދުވަސް ތެރޭ މަރުވާ ކަމަށް ބެލެވޭއިރު މި ރޭޓް ވެސް 17 ޕަސެންޓް މި ބޭހުން ދަށްކޮށްދޭކަން އެނގިފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެންޓި އިންފްލެމޭޓަރީ ބޭހެއް ކަމަށްވާ ޑެކްސަމެތަސޯން އަކީ ކޮވިޑް-19 އަށް ފަރުވާކުރުމުގައި ޔަގީންކަން ބޮޑު ބޭހެއްކަން އެނގުނީ އިނގިރޭސި ވިލާތުގެ ސަރުކާރުން ޚަރަދުކޮށްގެން އެ ގައުމުގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތު ރީސާޗް (އެންއައިއެޗްއާރް) އާއި ޔޫކޭ ރީސާޗް އެންޑް އިނޮވޭޝަން (ޔޫކޭއާރްއައި) އަދި އޮކްސްފޯޑް ޔުނިވާސިޓީ ޔޫކޭ ރިކަވަރީ ގުޅިގެން ކުރި ދިރާސާއަކުންނެވެ. މިއީ އެކި ގައުމުތަކުން ކޮވިޑް-19 އާ ދެކޮޅަށް ބޭހެއް ހޯދަން ކުރަމުން އަންނަ މަސައްކަތުގައި، މި ބަލީގައި މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭކަން މިހާތަނަށް ކަށަވަރުކުރެވުނު ފުރަތަމަ ބޭހެވެ.
"ސައިންސްގެ އެހީގައި އިނގިރޭސި ވިލާތް މިހާރު އޮތީ ކޮރޯނާވައިރަހާ ދެކޮޅަށް ދުނިޔެ އިން ކުރަމުން އަންނަ ހަނގުރާމާގައި އެންމެ ކުރީގައި. އެއީ [ބައްޔާ ދެކޮޅަށް މިހާތަނަށް ހެދި] އެންމެ ރަނގަޅު ކްލިނިކަލް ޓްރަޔަލްތަކާއި ވެކްސިން އުފެއްދުމާއި އިމިއުނޮލޮޖީ ރީސާޗާ އެކުގައި،" ސަރުކާރުގެ ބަޔާނުގައި ހެލްތު ސެކްރެޓަރީ މެޓް ހޮންކޮކް ވިދާޅުވި އެވެ.
މިއީ ސިއްހީ އެކި މައްސަލަތަކުގައި، އިންފްލެމޭޝަން ކުޑަކުރުމަށް ދީ އުޅޭ ވަރަށް އާންމު ބޭހެކެވެ. ކޮރޯނާވައިރަސްއާ ދެކޮޅަށް ހަށިގަނޑު މާބޮޑަށް މަސައްކަތްކުރަން ފެށުުމުން ނުވަތަ ދިފާއީ ނިޒާމު އޯވަރިއެކްޓް ކުރުމުން ލިބޭ ގެއްލުންތައް މި ބޭހުން ކުޑަކޮށްދޭ ކަމަށް ވަނީ ބެލެވިފަ އެވެ.
މި ބޭހުގެ ދިރާސާ އިން އެނގުނު ގޮތުގައި، ވެންޓިލޭޓަރުގައި ފަރުވާދޭންޖެހޭ ހާލަތުގައި މަރުވާ ކޮންމެ 8 މީހެއްގެ ތެރެއިން އެކެއްގެ ފުރާނަ ސަލާމަތްކޮށްދެ އެވެ. އަދި އޮކްސިޖަން ދޭންޖެހޭ މީހުންގެ ތެރެއިން މަރުވާ ކޮންމެ 25 އިން އެކެއްގެ ފުރާނަ ސަލާމަތްވެ އެވެ. މި ބޭސް ބޭހުން ދޭ ފަރުވާ އަށް ހޭދަވަނީ ގިނަވެގެން 10 ދުވަހެވެ. މި ފަރުވާގައި ޚަރަދުވަނީ މީހަކަށް ދުވާލަކަށް 5.4 ޕައުންޑް (6.84 އެމެރިކާ ޑޮލަރު) އެވެ.
އޮކްސްފޯޑްގެ ޓީމެއް އިސްވެ ތިބި ކުރި ދިރާސާގައި، ހޮސްޕިޓަލުގައި ފަރުވާ ދިން ގާތްގަނޑަކަށް 2،000 މީހަކަށް ޑެކްސަމެތަސޯން ދިނުމަށް ފަހު މި ބޭސް ނުދޭ 4،000 މީހެއްގެ ނަތީޖާއާ އަޅައިބެލި އެވެ. ވެންޓިލޭޓަރުގައި ފަރުވާ ދިން މީހުން ބަލީގައި މަރުވުމުގެ ފުރުސަތު 28-40 ޕަސެންޓަށް މި ބޭހުން ކުޑަކޮށްދިނެވެ. އަދި އޮކްސިޖަން ދިން މީހުން މަރުވުމުގެ ފުރުސަތު 20-25 ޕަސެންޓް ކުޑަވި އެވެ.