"ޑިއާ ޒިންދަގީ"ގެ ފުރަތަމަ އިޝްތިހާރު ވަރަށް ފުރިހަމަ
"ޑިއާ ޒިންދަގީ"ގެ ފުރަތަމަ އިޝްތިހާރު ވަރަށް ފުރިހަމަ

އާލިއާ ބަޓް އާއި ޝާހްރުކް ޚާންގެ "ޑިއާ ޒިންދަގީ"ގެ ފުރަތަމަ ޓީޒާއަށް ގިނަ ބަޔަކު ތައުރީފުކުރަން ފަށައިފި އެވެ. މި ދެ ތަރިންނަކީ އެކްޓިންގެ ރޮނގުން އާދަޔާ ޚިލާފު ހުނަރުވެރި ދެ ތަރިންނަށް ވާތީ މި ފިލްމު ވަރަށް މޮޅުވާނެ ކަމަށް މިހާރުއްސުރެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ގޯރީ ޝިންޑޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އަންނަ މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައި ވާއިރު ޝާހްރުކް އާއި އާލިއާ މިހާރުންސުރެ ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި ދެ މީހުން އެކަކު އަނެކަކަށް ކުރާ ޓުވީޓްތަކުން ފިލްމުގެ ވާހަކަ ކޮންމެވެސް ވަރަކަށް ދަނީ ހާމަކުރަމުންނެވެ.

މި ޓީޒާ އިން ޔަގީންވެފައިވާ ގޮތުގައި ފިލްމުގައި ޝާހްރުކް އާއި އާލިއާގެ ކެރެކްޓާ އަކީ ދެ ލޯބިވެރިންނެއް ނޫނެވެ. ޝާހްރުކް ކުޅެނީ އާލިއާއަށް މަގުދައްކައިދޭ މީހެއްގެ ބައި ކަމަށް ލަފާ ކުރެވެ އެވެ.

ޝާހްރުކާއި އާލިއާ ބައިސްކަލު ދުއްވާފައި ދާ މަންޒަރު ވެސް ނަގާފައި ވަނީ ފާހަގަ ކޮށްލެވޭހާ މޮޅަށެވެ. ބެލެވޭ ގޮތުގައި ޝާހްރުކް ކުޅެނީ އޭނާގެ އުމުރާ ގުޅޭ ކެރެކްޓާ އެކެވެ.

މި ދެ ތަރިންގެ އިތުރުން އަދިތުޔާ ރޯއި ކަޕޫރާއި ކުނާލް ކަޕޫރު އަދި އަންގަދު ބޭދީ ވެސް މި ފިލްމުގައި މަސައްކަތް ކޮށްފައި ވެއެވެ. އަދި ޕާކިސްތާނު އެކްޓަރު އަލީ ޒަފަރްގެ ވެސް މުހިއްމު ރޯލެއް މި ފިލްމުގައިވެ އެވެ. ނަމަވެސް ޕާކިސްތާނު އެކްޓަރުން އިންޑިއާ ފިލްމުތަކުގައި މަސައްކަތްކުރުމާ އެ ގައުމުގެ ސިޔާސީ މީހުން ދެކޮޅު ހަދަމުންދާތީ އަލީ ޒަފަރްގެ ބައި ފިލްމުން އުނިކޮށްފައިވާ ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ.