17 ޖޫން 2020 - 13:18

ބެއިޖިން (ޖޫން 17) - ޗައިނާގެ ވެރިރަށް ބެއިޖިންގެ ހޯލްސޭލް މާރުކޭޓަކުން ފެތުރެން ފެށި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އަޅައި ފިޔަވަޅެއްގެ ގޮތުން ބެއިޖިންގެ އެއާޕޯޓްތަކާއި ސްކޫލްތައް ބަންދުކޮށް، އެ ސިޓީން ބޭރަށް ދަތުރުކުރުން މިއަދު މަނާކޮށްފި އެވެ.
ކޮރޯނާވައިރަހުގެ ދެ ވަނަ ރާޅަކުން ސަލާމަތްވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބެއިޖިންގެ އެއާޕޯޓްތައް ބަންދުކުތރުމާ އެކު މިއަދު ވަނީ 1،200 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްވެފަ އެވެ. ބެއިޖިން އިން މިއަދު ވަނީ ކޮރޯނާވައިރަހުގެ އާ 31 ކޭސް ފެނިފަ އެވެ.
ޒިންފާދީ މާރުކޭޓުގެ ވައިރަސް ކްލަސްޓާއާ ގުޅިފައިވާ ކަމަށް ބެލެވޭ އެތައް ހާސް ބަޔަކު މިހާރު ވަނީ ޓެސްޓްކޮށްފަ އެވެ. ބެއިޖިންގެ 30 އަށް ވުރެ ގިނަ ނެއިބަހުޑް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ.
ޕީޕަލްސް ޑެއިލީން ބުނި ގޮތުގައި މިއަދު ވަނީ 1،255 ފްލައިޓް ކެންސަލްވެފަ އެވެ. މީގެ ތެރޭން 70 ޕަސެންޓަކީ ބެއިޖިންގެ މައި އެއާޕޯޓްތަކުން ދަތުރު ކުރަން ހަމަޖެހިފައިވާ ފްލައިޓްތަކެެވެ. ބެއިޖިންގެ ހައި-ރިސްކް އަދި މީޑިއަމް-ރިސްކް އޭރިއާތަކުން މީހުން ދަތުރު ކުރުން މިހާރު ވެސް ވަނީ މަނާކޮށްފަ އެވެ. ނުރައްކާ ނެތް އެހެން ހިސާބުތަކުގެ މީހުން ވެސް ބެއިޖިން އިން ބޭރަށް ދަތުރު ކުރަން ބޭނުން ނަމަ ކޮރޯނާވައިރަހަށް ޓެސްޓް ކުރަންޖެހެ އެވެ.
ބެއިޖިންގެ ގިނަ ސްކޫލްތައް ހުޅުވި ނަމަވެސް މިހާރު ވަނީ ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން އަންގައިފަ އެވެ.
ޗައިނާގެ ވަރަށް ގިނަ ޕްރޮވިންސްތަކުން މިހާރު ވަނީ ބެއިޖިން އިން ދާ މީހުން ކަރަންޓީން ކުރަން ފަށައިފަ އެވެ.
"ބެއިޖިންގައި ބަލީގެ ހާލަތު ދަނީ ނުރައްކާވަމުން،" ބެއިޖިން ސިޓީގެ ތަރުޖަމާން ޒޫ ހެޖިއަން ވިދާޅުވި އެވެ.
ބެއިޖިންގެ 11 މާރުކޭޓެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ގްރޫޕް ކުޅިވަރުތައް ބޭއްވުން މަނާކޮށް ގިނަ މީހުން އުޅޭ ތަންތަނުގައި މާސްކް އެޅުން ވަނީ މަޖްބޫރުކޮށްފަ އެވެ.
ވޭތުވެދިޔަ ހަ ދުވަސް ތެރޭ ބެއިޖިން އިން އަލަށް ފެނުނު ކޭސްތައް ވަނީ 137 އަށް އަރައިފަ އެވެ. ބެއިޖިން އިން ކޭސްތައް ފެންނަން ފެށީ 50 އަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
އޮފިޝަލުން ބުނި ގޮތުގައި މެއި 30 ގެ ފަހުން ޒިންފާދީ މާރުކޭޓަށް ވަނީ 200،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފަ އެވެ. ބެއިޖިން އަށް ބޭނުންވާ ތަރުކާރީ އާއި މޭވާގެ 70 ޕަސެންޓް ސަޕްލައި ކުރާ އެ މާރުކޭޓުގައި މަސައްކަތް ކުރާ މީހުންގެ ތެރޭން 8،000 އަށް ވުރެ ގިނަ މީހުން ވަނީ ޓެސްޓްކޮށްފަ އެވެ.