ކޮމަންޑޫ ބަނދަރުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ
ކޮމަންޑޫ ބަނދަރުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ

ށ. ކޮމަންޑޫ ބަނދަރު މަސައްކަތުގެ 50 ޕަސެންޓް ނިންމާލައިފި އެވެ.

މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. އެމްޓީސީސީން ބުނީ، މި ޕްރޮޖެކްޓްގެ މަސައްކަތުގެ މިހާރު ކުރިއަށް ދަނީ ބަނދަރުގެ ވަށައިގެން ފާރު ރޭނުމުގެ މަސައްކަތް ކަމަށެވެ. މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓްގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.

ކޮމަންޑޫ ބަނދަރު ޕްރޮޖެކްޓްގެ ދަށުން ބަނދަރު ފުން ކުރުމާއި ވަށައިގެން ބްރޭކްވޯޓާ އެޅުމުގެ މަސައްކަތާއި ރިވެޓްމެންޓްގެ މަސައްކަތް ވެސް ހިމެނެ އެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދުގައި ލައިޓް ހަރުކުރާއި ބަނދަރުގެ ވަށައިގެން ޕޭވްމެންޓެއް ވެސް އެޅުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮޖެކްޓަށް 29.4 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ބަނދަރު ތަރައްގީ ކުރުމުގައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޮވިޑް-19 ގެ ހާލަތުގައި ވެސް ހުއްޓުމެއް ނެތި އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.