އެކަށީގެންވާ ފަރުވާ ނުލިބި މަހުލޫފް ޖަލުގައި ތިން މަސް!
އެކަށީގެންވާ ފަރުވާ ނުލިބި މަހުލޫފް ޖަލުގައި ތިން މަސް!

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް އެކަށީގެންވާ ފަރުވާ ނުލިބޭތީ އާއިލާ އިން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުލުހުންގެ ބަންދުގައި ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން އުޅުނު ކަން ސާބިތުވުމާ ގުޅިގެންނާއި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަތްކަން ސާބިތުވެގެން ޖަލަށް ލާފައިވާ މަހުލޫފް މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަތާ އިއްޔެ ވަނީ ތިން މަސްދުވަސް ވެފަ އެވެ.

މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިރޭ ވިދާޅުވި ގޮތުގައި މަހުލޫފް ޖަލަށް ގެންދިޔަ ފަހުން އެލާޖިކްވުމުގެ މައްސަލަތައް ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފުރާނަ އަށް ނުރައްކާވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ހަމުގެ ޑޮކްޓަރަކަށް ދައްކަން އެދުނުތާ،" ނަޒްރާ ވިދާޅުވި އެވެ.

ނަޒްރާ ވިދާޅުވީ މަޝްހޫރު ޑޮކްޓަރު ޑރ. އަލީ ނިޔާފަށް ދެއްކުމަށް އެތައް ފަހަރަކު އެދުނު ނަމަވެސް، އެ ކަމަށް ވެސް އިޖާބަ ދީފައި ނުވާ ކަމަށެވެ. އޭޑީކޭގައި މަސައްކަތް ކުރައްވާ ނިޔާފަށް ދެއްކުމުގެ ބަދަލުގައި މަހްލޫފް މާލެ ގެނެސް އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދެއްކިޔަސް، އެކަށީގެންވާ ފަރުވާއެއް ނުދެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަހުލޫފް ލޮލަށް ފުސްވެގެން ޑޮކްޓަރަށް ދެއްކިން. މަހުލޫފް އެދުނީ އައިނު އަޅަން. އެކަމަކު، ސިޔާސީ ވިސްނުން ހުރި ގޮތުން އެކަން ވެސް ކޮށެއް ނުދިން،" ނަޒްރާ ވިދާޅުވި އެވެ.

ނަޒްރާ ވިދާޅުވި ގޮތުގައި މިހާތަނަށް މަހުލޫފް ވަނީ 10 ވައްތަރެއްގެ ބޭސް ބޭނުންކުރައްވައިފަ އެވެ. އެއީ ހަމުގެ އެލާޖީގެ މައްސަލަތަކެއްގެ އިތުރުން، ކަށީގެ މައްސަލަތަކަކަށް ހައްލެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާފުށީގައި ބަހައްޓާތީ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އުނދަގޫ. މަހުލޫފް ގައިގައި އެއްޗެހި ނަގައިގެން އެޕޮއިންޓްމަންޓަށް އެދޭތާ އެތައް ދުވަހެއް ފަހުން އެކަން ވަނީ. މާލެ ގެންނައިރު އެލާޖިކްވުމުގެ ކަންތައް ރަނގަޅުވޭ. އެލާޖިކްވާ ތަނުން ޑޮކްޓަރަށް ދެއްކެން އެބަޖެހޭ،" ނަޒްރާ ވިދާޅުވި އެވެ.

ކަރަށް ދިމާވި މައްސަލައެއްގައި ފިޒިއޮތަރިޕީ ވެސް ހަދާފައިވާ މަހްލޫފަށް ވީހާ ވެސް ފަސޭހަ އިން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާ ބެހޭ ފަރާތްތަކަށް އާއިލާ އިން ވަނީ ގޮވާލައިފަ އެވެ.

މަހުލޫފަށް ދެ ހުކުމެއް އިއްވީ، ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ފާޑުވިދާޅުވެ، އިދިކޮޅު ހަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ. އިދިކޮޅު ގިނަ ބަޔަކު މަހުލޫފް ސިފަކުރަނީ، ޑިމޮކްރަސީ އަށް ލޯބިކުރާ، ރައްޔިތުންނަށް ގެއްލުންވާ ނިންމުންތަކާ ދެކޮޅު ހައްދަވަން ކެރިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ.

މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވާއިރު، އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ. އަދި މަހުލޫފް މިނިވަންކޮށްދޭން، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުގައި އެދޭނެ ކަމުގެ ޔަގީންކަން އިދިކޮޅު އިއްތިހާދުން ވަނީ އާއިލާ އަށް ދީފަ އެވެ. މަހުލޫފް ޖަލުގައި ހުންނަވަނިކޮށް، ކޮމަންވެލްތުން ރާއްޖެ އަށް ކަނޑައެޅި މަންދޫބު ވިލީ މުޓުންގާ ވަނީ ބައްދަލު ކުރައްވައި އޭނާގެ ހާލު ބައްލަވައިފަ އެވެ. އަދި އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ތިން މެމްބަރަކު ވަނީ ދާދި ފަހުން ނަޒްރާއާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ދެ ހުކުމާ އެކު މަހުލޫފްގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި އޭނާ އަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރެއް ނުވެވޭނެ އެވެ. މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލެނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ.