17 ޖޫން 2020 - 11:33

ނިއު ދިއްލީ (ޖޫން 17) - ދެ ގައުމުގެ ބޯޑަރުގެ ސަރަހައްދުގައި ހިންގި ކުރިމަތިލުމުގެ ތުހުމަތު އިންޑިއާ އާއި ޗައިނާ އިން އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވައިފި އެވެ.
ކުރިމަތިލުންތަކުގައި އިންޑިއާގެ 20 ސިފައިން މަރުވި ކަމަށް އެ ގައުމުން ބުނެފައިވެ އެވެ. އިންޑިއާ ސިފައިން ބުނެފައި ވަނީ ދެ ގައުމުގެ ސިފައިންނަށް ވެސް ގެއްލުންތައް ލިބުނު ކަމަށެވެ. ނަމަވެސް ސިފައިންނަށް ލިބުނު ގެއްލުމާ ގުޅޭ ގޮތުން ޗައިނާ އިން އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. ޗައިނާ އިން ބުނެފައި ވަނީ އިންޑިއާ ސިފައިން ބޯޑަރު ހުރަސްކޮށް ޗައިނާގެ ސަރަހައްދަށް ވަންނަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އަންގާރަ ދުވަހުގެ ކުރިމަތިލުގައި އެއްވެސް ބަޔަކު ބަޑީގެ ހަމަލާތައް ބަދަލުކޮށްފައެއް ނުވެ އެވެ. ނަމަވެސް ދެ ފަރާތުން ވެސް ވަނީ ގަލާއި ލޮންސި ފަދަ ތަކެތި ބޭނުންކޮށްގެން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފަ އެވެ.
އަންގާރަ ދުވަހުގެ ކުރިމަތިލުމަކީ ދެ ގައުމު ގުޅޭ ލަދަކް އޭރިއާގައި ވޭތުވެދިޔަ 45 އަހަރު ދުވަހު ތެރޭ ހިނގި ފުރަތަމަ ކުރިމަތިލުމެވެ. އަންގާރަ ދުވަހުގެ ކުރިމަތިލުމާ ގުޅޭ ގޮތުން އިންޑިއާ ސިފައިން ފުރަތަމަ ބުނީ ތިން މީހުން މަރުވި ކަމަށެވެ. ފަހުން ބުނީ ޑިއުޓީގައި ތިބި 17 ސިފައިން ޒަޚަމްވި ކަމަށެވެ. އަދި އޭގެ ފަހުން ވަނީ 20 ސިފައިން މަރުވި ކަމަށް ބުނެފަ އެވެ.
ލަދަކުގެ ގަލްވާން ވެލީ އަށް ޗައިނާ އިން އެތައް ހާސް ސިފައިންނެއް ފޮނުވަމުންދާ ކަމަށް އިންޑިއާ އިން ތުހުމަތު ކުރެ އެވެ. އަދި އިންޑިއާގެ ބިމުން ޗައިނާ އިން ވަނީ 38،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ވެރިކޮށްލާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ބޯޑަރުގެ ހަމަނުޖެހުމުގެ މައްސަލަ ހައްލު ކުރެވޭތޯ ދެ ގައުމުން މަޝްވަރާ ކުރާތާ ތިރީހަކަށް އަހަރު ވެއްޖެ އެވެ.
ދެ ގައުމުން މިހާތަނަށް ކޮށްފައި ވަނީ އެންމެ ހަނގުރާމައެކެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ދެ ވަނަ އަހަރުގެ އެ ހަނގުރާމައިން ބަލިވެފައި ވަނީ އިންޑިއާ އެވެ.