ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި، ޖޯން އަބްރަހަމްގެ ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބައިގެ ޝޫޓިން ފަށަން ތައްޔާރުވާން ފަށައިފި އެވެ.

ފިލްމުތައް ތައްޔާރީތައްވަމުން އަންނަކަން މިލަޕް ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. ޖޯން ވަރުގަދަ އެކްޝަން ރޯލަކުން އަދި ފުލުހެއްގެ ގޮތުގައި ފެނިގެންދާ "ސަތިޔަމޭވް ޖަޔަތޭ" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ނިކިލް އަދުވާނީގެ އެންމޭ އެންޓައިންމަންޓް ގުޅިގެން ގެނެސްދޭ ސީރީޒެކެވެ.

މީގެ ދެވަނަ ބައިގެ ބަތަލާ އަކީ ބުޝަންގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރެވެ. "ސަތިޔަމޭވް ޖަޔަތޭ" އާ ބެހޭ ގޮތުން މިލަޕް ބުނެފައި ވަނީ އެ ފިލްމަކީ ޖޯން ހޮލީވުޑްގެ ކެރެކްޓާއެއް ކަމަށްވާ "ހަލްކް" ކަހަލަ ރޯލަކުން ފެންނަ ފިލްމެއް ކަމަށެވެ.

"ސަތިޖަމޭވް ޖަޔަތޭ " އަކީ މި އަހަރުގެ އޮކްޓޯބަރު 2 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. ނަމަވެސް އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި ހުއްޓަސް، ފިލްމުގެ ތާރީހަށް އެއްވެސް ބަދަލެއް އައިކަން އަދި ހާމައެއްނުކުރެ އެވެ.

ދާދި ފަހުން މީޑިއާތަކުން ބުނިގޮތުގައި އަކްޝޭ ކުމާރު މިހާރު އަންނަނީ އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ސްޕައި ތުރިލާ "ބެލް ބޮޓަމް" ގެ ޝޫޓިން އަށް އަންނަ މަހު އިނގިރޭސިވިލާތަށް ދާން ތައްޔާރުވަމުންނެވެ.

މި ފިލްމާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން މުޅި ފިލްމު އެއްކޮށް ޝޫޓްކުރާނީ ސްކޮޓްލަންޑްގަ އެވެ. އަދި އޭގެ ތައްޔާރީތައް ފިލްމުގެ ޓީމުން އަންނަނީ ވަމުންނެވެ. "ބެލް ބޮޓަމް" އަކީ ވާޝޫ ބަގްނާނީ ޕޫޖާ އެންޓަޓައިންމަންޓާއި ނިކިލްގެ އެންމޭ އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ.

މީގެ ޑައިރެކްޓަރަކީ ރަންޖީތު ތިވާރީ އެވެ. "ބެލް ބޮޓަމް" ގެ ބަތަލާ އަކީ ކާކުކަން އަދިވެސް ކަށަވަރެއް ނުވެ އެވެ. މީޑިއާތަކުން އެންމެ ފުރަތަމަ ބުނެފައި ވަނީ ފިލްމުގެ ބަތަލާ އަކީ މުރްނާލް ތާކޫރް ކަމަށެވެ.

އެކަމަކު ފަހުން ވަނީ މި ފިލްމުން ބަތަލާ ކްރިތީ ސެނަންގެ ކޮއްކޮ ނުޕޫރް ސެނަން ބޮލީވުޑަށް ތައާރަފުކުރާނެ ކަމަށް ބުނެފަ އެވެ. ނުޕޫރާއި އަކްޝޭ އެކީގައި ކުޅުނު ވީޑިއޯ ލަވައެއް ވެސް މި އަހަރުގެ ކުރީކޮޅު ރިލީޒްކޮށްފައިވެ އެވެ.

"ބެލް ބޮޓަމް" އަންނަ އަހަރުގެ ޖެނުއަރީ 12 އަށް ކުރިން ތާވަލުކުރުމަށް ފަހު މިހާރު ސިނަމާތަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ އެޕްރީލް 2 ގަ އެވެ.

ފަންސާސް ޕަސަންޓް ޝޫޓިން ނިމިފައި ވަނިކޮށް މަސައްކަތް ހުއްޓިފައިވާ އަރުޖުން ރާމްޕާލްގެ އާ ފިލްމު "ދަ ބެޓްލް އޮފް ބީމާ ކޮރެގާއޯން" ޝޫޓިން އަލުން ފަށަން ތައްޔާރުވާން ފަށައިފި އެވެ.

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ އެކްޓަރުގެ މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމުގައި އަރުޖުން ފެނިގެން ދާނީ ހަނގުރާމަވެރިއެއްގެ ރޯލުންނެވެ. މީޑިއާތަކުން ބުނިގޮތުގައި "ދަ ބެޓްލް އޮފް ބީމާ ކޮރެގާއޯން" ގެ ޝޫޓިން އަލުން ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން މިހާރު ވަނީ ކަޖްތަރުގެ އެންޑީ ސްޓޫޑިއޯގައި ފިލްމަށް ހާއްސަ ސެޓެއް ވެސް ހަދައިފަ އެވެ.

މިހާތަނަށް އަދި މި ފިލްމާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައި ނުވާ އިރު، ކާސްޓުންގެ ތެރޭގައި ބޮލީވުޑާއި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަސްހުނި ކާސްޓެއް އެކުލެވޭ ކަމަށް މީޑިއާތަކުން ބުނެ އެވެ.

އަރުން އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ގެ "ޕަލްޓާން" އެވެ.

އިންޑިއާގައި ފިލްމީ ޝޫޓިންތަކަށް ހުއްދަ ލިބުމާ އެކު ޝޫޓިން ފަށަން ނިންމާފައިވާ ބަތަލާ ކެޓްރީނާ ކެއިފްގެ ސުޕަހީރޯ ފިލްމަށް ލޮކްޑައުންގެ ތެރޭގައި އޭނާ ވަރަށް ބޮޑަަށް ފިޓްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނޫސްތަކުން ބުނާގޮތުގައި ވީހާ ވެސް ބޮޑަށް ފިޓްވުމުގެ ގޮތުން ކެޓްރީނާ ވަނީ އޭނާގެ ޑައިޓާއި ކަސްރަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފަ އެވެ. އަދި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން އޭނާ ތަފާތު އެކި ބާވަތުގެ އެކްޝަން ޓްރޭނިންތަކެއް ވެސް ހަދާނެ އެވެ.

އަލީ އައްބާސް ލިޔެ، ޑައިރެކްޓްކުރާ މި ފިލްމަކީ ކެޓްރީނާގެ ވަރަށް ވަރުގަދަ އެކްޝަންތަކެއް ފެނިގެންދާނެ ފިލްމެކެވެ. އޭނާ ވަނީ "ޓައިގާ ޒިންދާ ހޭ" އާއި "އޭކް ތަ ޓައިގާ" ގައި ވެސް އެކްޝަން ހުނަރު ދައްކާލައިފަ އެވެ. އަލީ ބުނިގޮތުގައި އަދި ނަން އިއުލާންނުކުރާ ފިލްމުގެ ސްކްރިޕްޓް ވެސް ނިިފައިވާ އިރު، ހުއްދަ ލިބުމާ އެކު ޝޫޓިންތައް ފަށާނެ އެވެ. މި ފިލްމުގައި އިންޓަނެޝަނަލް ބޮޑު ޓެކްނިކަލް ކްރޫއެއް ވެސް މަސައްކަތްކުރާނެ އެވެ.

ކެޓްރީނާގެ ކުރިއަށް އޮފް ފިލްމަކީ އަކްޝޭ ކުމާރާ އެކު ކުޅެފައިވާ "ސޫރިޔާވަންޝީ" އެވެ.