19 އޮކްޓޯބަރ 2016 - 14:59

މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފުރަތަމަ ބިރުވެރި ފިލްމު ފޯފޯޓޫސިކްސްގެ ޕްރެމިއާ ރޭ އޮލިމްޕަހުގައި ވަރަށް ކުލަ ގަދަކޮށް ބޭއްވި އެވެ. ނަހުލާއާ އެކު އެ ފިލްމުގެ ހުރިހާ އެކްޓަރުން ނަލަވެލައިގެން ރަތް ދޫލަ މަތީ ހިނގާލި އެވެ. ހުރިހާ ތަރިންގެ ތެރެއިން ފިލްމުގެ ބަތަލާ މަރިޔަމް އައްޒަ އޭނާގެ ފުރިހަމަ ގައުންގައި ވަރަށް ބޮޑަށް ފާހަގަވެގެންދެ އެވެ.

އައްޒަގެ ހެދުން ރީތިވެގެން، ސޯޝަލް މިޑިއާ ޕޭޖުތަކުގައި ގިނަ ބަޔަކު ތައުރީފުގެ ކޮމެންޓުތައްކޮށްފައި ވެ އެވެ. އަދި އޭނާގެ ހެދުން ފަރުމާކުރީ ކާކުތޯ ވެސް ސުވާލު ކޮށްފައި ވެ އެވެ.
"މިހާރު" އަށް އައްޒަ ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ މި ހާއްސަ ރެއަށް ހާއްސަ ހެދުމެއް ލާން ބޭނުންވި ކަމެވެ. އަދި އައްޒަގެ ހެދުން ތައްޔާރުކުރަން ހުނަރުވެރި ތިން ޑިޒައިނަރުން މަސައްކަތްކޮށްފައިވެ އެވެ. އެއީ ސޭންޑީ، ޖުމާ އަދި ރަޒީ އެވެ. މިއީ އައްޒަގެ އެންމެ ފޭވަރިޓް ތިން ޑިޒައިނަރުން ކަމަށް ވެސް ބުންޏެވެ.
އައްޒަ ބުނި ގޮތުގައި ވިދާ ރިހި ފޮއްޗަކުން ހެދުމުގެ މަތި ޑްރޭޕްކޮށްފައި ވަނީ ރަޒީ އެވެ. އަަދި ހެދުމުގެ ކޯސެޓް ތައްޔާރުކުރީ ޖުމާ އެވެ. ކަޅު ކުލައިގެ ފޮއްޗާއި ރިހި ލޭސް ޓްރިމިންއާ އެކު ތައްޔާރުކޮށްފައިވާ ކޯސެޓް އަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތެވެ. އެއީ އެކި ވަރުގެ ކުދި ފޮތިކޮޅުތަކެއް ވަކިވަކިން ކަނޑައިގެން އެއްކޮށްގެން ފަރުމާކޮށް ފަހާފައިވާ ބައެކެވެ.
ހެދުމުގެ ކަޅު ކުލައިގެ ތިރީބައި ފެހީ ސޭންޑީ އެވެ. ތިން ޑިޒައިނަރުންގެ ބުރަ މަސައްކަތް އައްޒަގެ ހެދުމުން ފާހަގަވެ އެވެ. ގިނަ ޑިޒައިނަރުން ވަކިވަކިން ކުރާ މަސައްކަތުން ވެސް ހެދުމެއް ފުރިހަމަ ކޮށްލެވޭނެކަން އައްޒަގެ ހެދުމުން ސާބިތުވެ އެވެ.
އިސްތަށިގަނޑު ސާދާ ގޮތަކަށް ސްޓައިލް ކޮށްދިނީ ސްޓައިލޯ ސެލޯން އެވެ. އަދި މޭކަޕްކޮށްފައި ވަނީ ޖުމާ އެވެ. އައްޒަގެ ހެދުމާ އެއްކޮށް ގުޅުވާލާފައި ވަނީ ވަރަށް ސާދާ އެކްސެސަރީޒް އެވެ. އެއީ ކަންފަތުގައި ލާ ރިހި އެއްޗަކާއި ރިހި ކްލަޗް އެކެވެ. އައްޒަގެ ހީލްސް އޭނާގެ މި ހާއްސަ ރެއަށް ތައްޔާރު ކޮށްދިނީ ޖުމާ އެވެ.