16 ޖޫން 2020 - 19:12

ފުލުހުންގެ ފޮރެންސިކް ސާވިސް ޑައިރެކްޓްރޭޓްގެ ދަރަޖަ އަށް ބަދަލުކޮށް، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގެއް އުފައްދައިފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް މި ހަފުތާގައި ގެނައި ބަދަލުގެ ދަށުން ކުރިން ސްޕެޝަލިސްޓް ސަޕޯޓް ސާވިސް ޑައިރެކްޓްރޭޓްގެ ދަށުގައި އޮތް ފޮރެންސިކް ސާވިސް ވަކި ޑައިރެކްޓްރޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުރިން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުން ކުރަމުން އައި މަސައްކަތްތައް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގްގެ ދަށަށް ބަދަލުކޮށް، އިތުރު ޑިޕާޓްމެންޓްތަކާއި ޔުނިޓްތައް އެ ވިންގްގެ ދަށަށް އުފައްދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގްގެ ދަށުން އަލަށް އުފެއްދީ ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމެންޓާއި ޖުވެނައިލް އޮފެންސަސް ޑިޕާޓްމެންޓްގެ އިތުރުން ފެމިލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމެންޓެވެ.
މީގެ އިތުރުން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ދަށުން އިންވެސްޓިގޭޝަން ޑިވެލޮޕްމަންޓް ޔުނިޓެއް އުފެއްދުމާއި ވިކްޓިން ސަޕޯޓް ޑިޕާޓްމެންޓް ވެސް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ދަށަށް ބަދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާއި ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް ވެސް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ވިންގްގެ ދަށަށް ބަދަލު ކުރުމުގެ އިތުރުން ވިކްޓިމް ސެންޓާޑް އެންޑް ވޮލިއުމް ކްރައިމްސް ވިންގް އުވާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ބަދަލުތަކަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. ފުލުހުންގެ ގާނޫނު ބުނާގޮތުން ފުލުހުންގެ އިދާރީ އޮނިގަނޑު ތައްޔާރުކޮށް، އެކި ޑިޕާޓްމެންޓްތަކާއި ވިންގްތަކުގެ މަސައްކަތްތައް ކަނޑައަޅާނީ ކޮމިޝަނާ އޮފް ޕޮލިސް އެވެ.