ކޮވިޑް-19 އާ ދެކޮޅަށް ޔަގީން، އާންމު އަދި އަގުހެޔޮ ބޭހެއް ފެނިއްޖެ
ކޮވިޑް-19 އާ ދެކޮޅަށް ޔަގީން، އާންމު އަދި އަގުހެޔޮ ބޭހެއް ފެނިއްޖެ

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ގައި ހާލު ބޮޑުވާ މީހުން ސަލާމަތްކުރުމުގައި ޔަގީންކަން ބޮޑު އަދި ވަރަށް އާންމު އަދި އަގު ހެޔޮ ބޭހެއް އެނގިއްޖެ ކަމަށް އިނގިރޭސި ވިލާތުގެ ތަޖުރިބާކާރުން ހާމަކޮށްފި އެވެ.

ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި، އެންޓި އިންފްލެމޭޓަރީ ބޭހެއް ކަމަށްވާ ޑެކްސަމެތަސޯން އަކީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރެވިދާނެ އެއްޗެއްކަން އެ ބޭހުގެ ދަށް ޑޯޒެއް ބޭނުންކޮށްގެން ކުރި ދިރާސާތަކުން ޔަގީންކަން ލިބިފައިވާ ކަމަށެވެ.

މި ބޭސް ދިނުމުން، ކޮވިޑް-19 ގައި މަރުވުމުގެ ނުރައްކާ، މި ބަލީގައި ހާލު ބޮޑުވެ ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހޭ މީހުންނަށް ތިން ބައިކުޅަ އެއް ބަޔަަށް ކުޑަވެ އެވެ. އަދި ހާލު އެހާ ސީރިއަސް ނޫނަސް އޮކްސިޖަން ދޭންޖެހޭ މީހުން ކޮވިޑް-19 ގައި މަރުވުމުގެ ނުރައްކާ ފަސް ބައިކުޅަ އެއް ބަޔަކަށް ދަށްކޮށްދޭކަން ވަނީ އެނގިފަ އެވެ.

މިއީ މިހާރު ވެސް އެކި ކަންކަމަށް ބޭނުންކުރާ ބޭސްތަކުގެ ތެރެއިން ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރެވިދާނެ ބޭސްތަކަކީ ކޮބައިކަން ދެނެގަތުމަށް ދުނިޔޭގައި މިހާތަނަށް ކުރި އެންމެ ބޮޑު ތަހުލީލުގެ ތެރެއިން ފާހަގަވި ބޭހެކެވެ.

ދިރާސާ ޓީމުން ލަފާކުރާ ގޮތުގައި އިނގިރޭސި ވިލާތުގައި ކޮވިޑް-19 ފެތުރެން ފެށި އިރު މި ބޭސް ބޭނުންކުރި ނަމަ 5،000 މީހެއްގެ ފުރާނަ ސަލާމަތްކުރެވުނީހެވެ. އެ ގައުމުން ވަނީ މި ބަލީހައި 41،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

މިއީ އަގު ހެޔޮ އަދި ފަސޭހައިން ލިބޭ ބޭހަކަށް ވުމުން މިއީ ކޮވިޑް-19ގެ ނުރައްކާ ބޮޑު ފަގީރު ގައުމުތަކަށް ވަރަށް މުހިންމު ބޭހަކަށް ވާނެކަން ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮވިޑް-19 ޖެހޭ ކޮންމެ 20 މީހެއްގެ ތެރެއިން 19 މީހަކީ ހޮސްޕިޓަލުން ފަރުވާ ނުހޯދާ ވެސް ރަނގަޅުވާ މީހުންނެވެ. ހޮސްޕިޓަލުގައި ފަރުވާ ހޯދަންޖެހޭ ގިނަ މީހުން ވެސް ބަލިން ރަނގަޅުވެ އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުންނަށް އޮކްސިޖަން ދޭން ޖެހެ އެވެ. ނުވަތަ މެކޭނިކަލް ވެންޓިލޭޓަރުގައި ފަރުވާ ދޭންޖެހެ އެވެ. ޑެކްސަމެތަސޯން އިން އެހީ ލިބެނީ މި ދެ ހާލަތުގެ މީހުންނަށެވެ.

މިއީ ސިއްހީ އެކި މައްސަލަތަކުގައި، އިންފްލެމޭޝަން ކުޑަކުރުމަށް ދީ އުޅޭ ވަރަށް އާންމު ބޭހެކެވެ. ކޮރޯނާވައިރަސްއާ ދެކޮޅަށް ހަށިގަނޑު މާބޮޑަށް މަސައްކަތްކުރަން ފެށުުމުން ނުވަތަ ދިފާއީ ނިޒާމު އޯވަރިއެކްޓް ކުރުމުން ލިބޭ ގެއްލުންތައް މި ބޭހުން ކުޑަކޮށްދޭ ކަމަށް ވަނީ ބެލެވިފަ އެވެ.

މި ބޭހުގެ ދިރާސާ އިން އެނގުނު ގޮތުގައި؛

* ވެންޓިލޭޓަރުގައި ފަރުވާދޭންޖެހޭ ހާލަތުގައި މަރުވާ ކޮންމެ 8 މީހެއްގެ ތެރެއިން އެކެއްގެ ފުރާނަ ސަލާމަތްކޮށްދޭ

* އޮކްސިޖަން ދޭންޖެހޭ މީހުންގެ ތެރެއިން މަރުވާ ކޮންމެ 25 އިން އެކެއްގެ ފުރާނަ ސަލާމަތްވޭ

* ފަރުވާ އަށް ހޭދަވަނީ ގިނަވެގެން 10 ދުވަސް

* ޚަރަދުވަނީ ދުވާލަކަށް 5.4 ޕައުންޑް (6.84 އެމެރިކާ ޑޮލަރު)

ވައިރަހާ ދެކޮޅަށް ހަށިގަނޑު އޯވަރިއެކްޓްކުރުމަށް ކިޔައި އުޅެނީ ސައިޓަކީން އެވެ. މިއީ ވަރަށް ނުރައްކާ ހާލަތެކެވެ.

އޮކްސްފޯޑްގެ ޓީމެއް އިސްވެ ތިބި ކުރި ދިރާސާގައި، ހޮސްޕިޓަލުގައި ފަރުވާ ދިން ގާތްގަނޑަކަށް 2،000 މީހަކަށް ޑެކްސަމެތަސޯން ދިނުމަށް ފަހު މި ބޭސް ނުދޭ 4،000 މީހެއްގެ ނަތީޖާއާ އަޅައިބެލި އެވެ.

ވެންޓިލޭޓަރުގައި ފަރުވާ ދިން މީހުން ބަލީގައި މަރުވުމުގެ ފުރުސަތު 28-40 ޕަސެންޓަށް މި ބޭހުން ކުޑަކޮށްދިނެވެ. އަދި އޮކްސިޖަން ދިން މީހުން މަރުވުމުގެ ފުރުސަތު 20-25 ޕަސެންޓް ކުޑަވި އެވެ.

"މިއީ މި ބަލީގައި މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭކަން މިހާތަނަކަށް ޔަގީންކުރެވުނު ހަމައެކަނި ބޭސް. މި ބޭހުން މަރުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކޮށްލާ. މިއީ ވަރަށް މުހިންމު ހޯދުމެއް،" ޗީފް އިންވެސްޓިގޭޓަ ޕްރޮފެސަ ޕީޓަ ހޯބީ ވިދާޅުވި އެވެ.

ލީޑް ރިސާޗަ ޕްރޮފެސަ މާޓިން ލޭންޑްރޭ ވިދާޅުވީ މި ބޭހުން ފަރުވާ ލިބޭކަމުގެ "ވަރަށް ސާފު ހެކި" ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ އަގު ހެޔޮ ބޭހެއް ކަމަށާއި މި ބޭސް ދޭން ޖެހެނީ 10 ވަރަކަށް ދުވަހަށް ކަމަށް ވާއިރު މީހަކަށް ދުވާލަކަށް ހޭދަވަނީ 5 ޕައުންޑް ކަމަށެވެ. އެހެންވެ އޭނާ ސިފަކުރެއްވި ކުރެއްވި ގޮތުގައި ފުރާނައެއް ސަލާމަތްކުރުމަށް ހޭދަވާނީ 35 ވަރަކަށް ޕައުންޑެވެ.

އެކަމަކު މި ބޭސް އަމިއްލަ ބޭނުން ނުކުރުމަށާއި މިއީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިއްޖެ ނަމަ އެތަނުގައި ޑޮކްޓަރުންގެ ބެލުމުގެ ދަށުން ދޭނެ ބޭހެއްކަން ދިރާސާ ޓީމުން ވަނީ ހަނދާކޮށްދީފަ އެވެ. -- ބީބީސީ