16 ޖޫން 2020 - 15:37

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އާއްމު ހިއްސާދާރުންނަށް ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބޯޑަށް ކުރިމަތިލާ ހިއްސާދާރުންގެ ތެރެއިން އެ ކުންފުނީގެ މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ފަސް ޑައިރެކްޓަރުން ހޮވާނެ އެވެ. މި މަގާމަށް ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. އަދި އެ މީހާއަކީ މިިނިވަން މުސްތަގިއްލު މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އެމްޓީސީން ބުންޏެވެ.
މީގެ އިތުރުން މި މަގާމަށް ކުރިމަތިލާ ހިއްސާދާރުންނަކީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ، މަދުވެގެން އެމްޓީޑީސީގެ 50 ހިއްސާ އޮންނަ ހިއްސާދާރަކަށް ވެސް ވާން ޖެހޭނެ އެވެ.
މި މަގާމަށް ކުރިމަތިލާން ބޭނުންވާ ހިއްސާދާރުންނަށް މިއަދުން ފެށިގެން ޖުލައި އަށެެއްގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެހެންކަމުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެންދުރު 12:00އަށް އެ ކުންފުނީގެ މައި އޮފީހުން ފޯމު ބަލައިގަންނާނެ އެވެ. ފޯމު ހުށަހަޅަން ޖެހޭނީ ސިޓީ އުރައިގެ ބޭރުގައި "އެމްޓީޑީސީގެ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި" މިހެން ޖެހުމަށްފަހު އެވެ. މި ފޯމުތައް އެ ކުންފުނީގެ މެއިލް މެދުވެރިކޮށް ވެސް ބަލައިގަންނާނެ އެވެ.
ޑިރެކްޓަރު ކަމަށް ކުރިމަތިލާ ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުކަމަށް އެންމެ އެކަށީގެންވާ ފަރާތްތައް ކޯޕަރޭޓް ގަވަނަންސް ކޯޑާއި އެއްގޮތްވާގޮތުގެ މަތީން އެމްޓީޑީސީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީއިން ހޮވުމަށްފަހު އެ ހިއްސާދާރުންގެ މައުލޫމާތު އަހަރީ އާއްމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި އާއްމުކުރާނެ އެވެ. ކޮމިޓީން ފާސްކުރާ ނަންތަކުގެ ތެރެއިން ޑިރެކްޓަރުން ހޮވާނީ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓުންނެވެ.
އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނީ 9 މެންބަރުންނެވެ.