16 ޖޫން 2020 - 15:09

ނިއު ދިއްލީ (ޖޫން 16) - ކަޝްމީރު ސަރަހައްދުގެ ލަޑަކްގައި އިންޑިއާ އާއި ޗައިނާ ސިފައިންގެ ކުރިމަތިލުމެއްގައި އިންޑިއާ ސިފައިން ތިން މީހުން މަރުވެއްޖެ އެވެ.
އިންޑިއާ ސިފައިން ބުނީ މަސްރަހު ފިނިކުރެވޭތޯ ދެ ގައުމުގެ ސީނިއާ އަސްކަރީ އޮފިޝަލުން މިހާރު ބައްދަލު ކުރަމުންދާ ކަމަށެވެ.
ކުރިމަތިލުމުގައި ޗައިނާ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އިންޑިއާ ސިފައިން މަސައްކަތްކޮށްފައި ވަނީ ގަލްވާން ވެލީގެ ބޯޑަރު ހުރަސް ކުރަން ކަމަށް ޗައިނާ އިން ބުނެފައިވެ އެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ދެ ގައުމުގެ މެދުގައި މައްސަލަ އުފެދޭ ޒާތުގެ ކަންކަން ނުކުރުމަށް އިންޑިއާ އަށް ގޮވާލައިފަ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒައޯ ލިޖިއަން ވިދާޅުވީ އިންޑިއާ ސިފައިން ހޯމަ ދުވަހު ވަނީ ދެ ފަހަރެއްގެ މަތިން ބޯޑަރު ހުރަސްކޮށްފައި ކަމަށެވެ. އަދި ބޯޑަރުގައި ކުރިމަތިލުމަކާ ހަމައަށް ދިޔައީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަދަކުގެ ގަލްވާން ވެލީ އަށް ޗައިނާ އިން އެތައް ހާސް ސިފައިންނެއް ފޮނުވަމުންދާ ކަމަށް އިންޑިއާ އިން ތުހުމަތު ކުރެ އެވެ. އަދި އިންޑިއާގެ ބިމުން ޗައިނާ އިން ވަނީ 38،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ވެރިކޮށްލާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ބޯޑަރުގެ ހަމަނުޖެހުމުގެ މައްސަލަ ހައްލު ކުރެވޭތޯ ދެ ގައުމުން މަޝްވަރާ ކުރާތާ ތިރީހަކަށް އަހަރު ވެއްޖެ އެވެ.