16 ޖޫން 2020 - 15:35

ހުއްދަ ނެތި ސްކޫލުގެ ލޯގޯ ބޭނުން ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނު ބުނީ ސްކޫލުތަކުގައި ބޭނުންކުރަމުން އަންނަ ބެޖުތަކަކީ އެޑިއުކޭޝަންގެ ފިކުރީ މުދަލެއް ކަމަށެވެ. ސްކޫލު ޔުނީފޯމުގައި ބޭނުންކުރަން ޑިޒައިންކޮށްފައިވާ ބެޖުތައް އެހެން އެއްވެސް ކަމެއްގައި ބޭނުންކުރަން ވާނީ ހުއްދަ ހޯދައިގެން ކަމަށް ވެސް ބުންޏެވެ.
ނަމަވެސް މި ފަހަކަށް އައިސް، މިނިސްޓްރީގެ ހުއްދަ ނެތި ވިޔަފާރީގެ ބޭނުމާއި އެ ނޫން ވެސް ކަންކަމުގައި ބެޖު ބޭނުންކުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް ބުންޏެވެ.
"ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ހާލަތުގައި ސްކޫލުތައް އަލުން ހުޅުވާލުމުން ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު ބޭނުންކުރުމަށް ބައެއް ފަރާތްތަކުން ތައްޔާރުކޮށް ވިއްކަމުން އަންނަ ފޭސް މާސްކުތަކުގައި ބައެއް ސްކޫލުތަކުގެ ބެޖު ޖަހައިގެން ވިއްކަމުން އަންނަކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
"ވީމާ، މި މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް އެއްވެސް ސްކޫލެއްގެ ބެޖު ވިޔަފާރި އާއި އެ ނޫން ވެސް ކަންކަމުގައި އަމިއްލަ ފަރާތްތަކުން ބޭނުން ނުކުރުމަށް އިލްތިމާސްކުރަމެވެ،"
ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދުކުރިތާ ގާތްގަނޑަކަށް ހަތަރު މަހަށް ފަހު، އަންނަ މަހުގެ އެކެއްގައި ސްކޫލުތައް ހުޅުވާލަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ދަރިވަރުންނަށް ސްކޫލަށް ވަދެވޭނީ ފޭސް މާސްކް އަޅައިގެންނެވެ.