16 ޖޫން 2020 - 14:51

ނިއު ދިއްލީ (ޖޫން 16) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީން މި ހަފުތާގައި ޓެސްޓްކުރި ކޮންމެ ތިން މީހަކުން އެކަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ދިއްލީގައި ޓެސްޓްކުރާ މީހުންގެ ޕޮޒިޓިވް ރޭޓް 30.5 ޕަސެންޓްގައި އުޅޭ އިރު މުޅި އިންޑިއާގައި އެވްރެޖް ޕޮޒިޓިވް ރޭޓަކީ ގާތްގަނޑަކަށް ހަތް ޕަސެންޓް ކަމަށް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރު) އިން ވަނީ ބުނެފަ އެވެ.
ދިއްލީގެ ޕޮޒިޓިވް ރޭޓް މީގެ ދެ ހަފުތާ ކުރިން 14 ޕަސެންޓްގައި ހުރި އިރު މިދިޔަ ހަފުތާގައި ޕޮޒިޓިވް ރޭޓަކީ 23 ޕަސެންޓެވެ.
ސަރުކާރުގެ ޑޭޓާތައް ދައްކާ ގޮތުން މީގެ ދެ ހަފުތާ ކުރިން ދިއްލީގައި އެވްރެޖްކޮށް ދުވާލަކު 6،129 ޓެސްޓް ހަދަ އެވެ. އެއް ހަފުތާ ކުރިން 5،590 މީހުން ދުވާލަކު ޓެސްޓްކުރި އިރު މި ހަފުތާގައި ކުރަނީ ދުވާލަކު އެވްރެޖްކޮށް 4،900 ޓެސްޓްވެ. މިދިޔަ ހޮނިހިރު ދުވަހު ދިއްލީން ވަނީ 2،134 މީހުން ޕޮޒިޓިވްވެ 57 މީހުން މަރުވެފަ އެވެ.
"ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދިއްލީގައި ޕޮޒިޓިވްވާ މީހުން ދަނީ އިތުރުވަމުން. އަދި ކޮމިއުނިޓީގައި ޓްރާންސްމިޝަން އުޅޭކަން އެނގޭ. ޕޮޒިޓިވްވާ މީހުން އިތުރުވާ އަނެއް ސަބަބަކީ އަލާމާތްތައް ހުންނަ މީހުން ޓެސްޓް ކުރުން އިތުރު ކުރުން،" ދިއްލީގެ އެއިމްސް ހޮސްޕިޓަލްގެ މައިކްރޯބަޔޮލޮޖީ ޑިޕާޓްމަންޓުގެ ކުރީގެ ވެރިޔާ ޑރ. ޝޫބާ ބުރޫރް ވިދާޅުވި އެވެ.
ޕޮޒިޓިވް މީހަކާ ކޮންޓެކްޓްވި ނަމަވެސް ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ޓެސްޓް ނުކުރާ ގޮތަށް މި މަހު 2 ވަނަ ދުވަހުން ފެށިގެން ދިއްލީގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަލާމާތެއް ނުފެނުނު ނަމަވެސް ޓެސްޓް ކުރާނީ އުމުރުން ދުވަސްވީ މީހުންނާއި އެހެން ބައްޔެއް ތަހައްމަލު ކުރާ މީހުންނެވެ.