17 ޖޫން 2020 - 07:40

އަންނަ އަހަރު ބާއްވަން އޮތް 93 ވަނަ އޮސްކާ އެވޯޑްސް ހަފުލާ ވެސް ކޮވިޑް-19ގެ ސަބަބުން ފިލްމީ އިންޑަސްޓްރީ އަށް ކުރިމަތިވި ބަނަ ހާލަތާ ހެދި ފަސްކުރަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރިތާ މަހެއްހާ ފަހުން އެކަން ރަސްމީކޮށް ކަށަވަރުކޮށްދީފި އެވެ.
ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި ފިލްމު އެވޯޑްސް އިންތިޒާމްކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) އިން ކުރި ޓްވީޓެއްގައި ބުނީ އަންނަ އަހަރުގެ އެވޯޑް ހަފުލާ ބާއްވާނީ އެޕްރީލް މަހުގެ 25 ގައި ކަމަށެވެ. ކުރިން އޮތް ގޮތުން ނަމަ އެވޯޑް ހަފުލާ އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ގަ އެވެ.
އޭއެމްޕީއޭއެސް އިން ވަނީ އެވޯޑް ހަފުލާ ބާއްވަން ނިންމި އާ ތާރީހާ އެކު، އެވޯޑްސްއާ ގުޅުން ހުރި މުހިއްމު ތާރީހުތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން އެވޯޑްސް ޖެނުއަރީ 1، 2020 އިން ފެބްރުއަރީ 28، 2021 އާ ހަމައަށް ރިލީޒްވި ފިލްމުތަކަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަންނަ އަހަރު ބާއްވާ އެވޯޑްސްގައި ވާދަކުރުމުގެ ފުރުސަތު ޑިޖިޓަލްކޮށް މި އަހަރު ޕްރިމިއާކުރާ ފިލްމުތަކަށް ދޭން ވަނީ ނިންމައިފަ އެވެ. އެއީ ސިނަމާތައް ބަންދުކުރަން ޖެހުމުން ފިލްމުތައް އެޅުވުން މަޑުޖެހިފައިވާތީ އެވެ.
ކެޓަގަރީތަކަށް ޝޯޓްލިސްޓްވާ ފިލްމުތައް އިއުލާންކުރާނީ ފެބްރުއަރީ 9، 2021 ގަ އެވެ.
އަންނަ އަހަރުގެ އޮސްކާ އަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކުރިން ދެ ކެޓަގަރީއެއްގެ ގޮތުގައި އެވޯޑް ދެމުން ދިޔަ ސައުންޑް މިކްސިން އާއި ސައުންޑް އެޑިޓިން އެއް ކެޓަގަރީއަކަށް ހަދައި، ބެސްޓް ސައުންޑްގެ ނަމުގައި އަންނަ އަހަރުން ފެށިގެން އެވޯޑް ދޭން ނިންމުން ހިމެނެ އެވެ.