16 ޖޫން 2020 - 13:30

ވެލިންޓަން (ޖޫން 16) - ނިއު ޒީލެންޑުން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ނުފެންނަތާ 24 ދުވަސް ފަހުން އެ ބައްޔަށް ޕޮޒިޓިވް ދެ މީހުން ފެނިއްޖެ އެވެ.

ޕޮޒިޓިވްވީ އިނގިރޭސި ވިލާތުން ނިއު ޒީލެންޑަށް ދިޔަ ދެ މީހުންނެވެ. އެއީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުންނެވެ. އެ ދެ މީހުން ނިއު ޒީލެންޑަށް އެތެރެވުމުގެ ޚާއްސަ ހުއްދައެއް ދީފައި ވަނީ ބަލި މީހަކަށް ޒިޔާރަތް ކުރުމަށެވެ. ޕޮޒިޓިވްވެފައި ވަނީ ނިއު ޒީލެންޑް، އިނގިރޭސި ވިލާތް ނުވަތަ އެހެން ގައުމެއްގެ ދެ މީހުން ކަމެއް އަދި ނޭނގެ އެވެ.
އުމުރުން 30 އަދި 40 ގެ އަހަރުތަކުގެ ދެ އަންހެނުން އިނގިރޭސި ވިލާތުން ނިއު ޒީލެންޑަށް ދިޔައީ މި މަހު 7 ވަނަ ދުވަހު އެވެ. ނިއު ޒީލެންޑަށް ދިޔަ ދަތުރުގައި އެ މީހުން ވަނީ ދޯހާ އާއި ބްރިސްބޭންގައި ޓްރާންސިޓްކޮށްފަ އެވެ. ނިއު ޒީލެންޑަށް ދިއުމަށް ފަހު އެ މީހުން ތިބީ ކަރަންޓީނުގަ އެވެ.
އޮކްލެންޑުގެ އައިސޮލޭޝަން ހޮޓަލެއްގައި ތިބި އެ ދެ މީހުން ޖޫން 12 ވަނަ ދުވަހު ވަނީ އެ މީހުންގެ މަންމަގެ ހާލު ދެރަވެގެން، މަންމަ އަށް ޒިޔާރަތް ކުރުމުގެ ޚާއްސަ ހުއްދައަކަށް އެދިފަ އެވެ. ޖޫން 12 ވަނަ ދުވަހުގެ ރޭ އެ މީހުންގެ މަންމަ ވަނީ މަރުވެފަ އެވެ. އަދި ޖޫން 13 ވަނަ ދުވަހު އެ މީހުންނަށް ވަނީ ވެރިރަށް ވެލިންޓަނަށް ދަތުރު ކުރުމުގެ ހުއްދަ ދީފަ އެވެ. އޭގެ ތެރޭން އެކެއްގެ ފަރާތުން ވަނީ އާދައިގެ އަލާމަތްތައް ފެންނަން ފަށައިފަ އެވެ. ނަމަވެސް އެއީ ކުރިން ހުރި އަލާމަތްތަކެއް ކަމަށް ވަނީ ނިންމައިފަ އެވެ. އެ މީހުން ދޫކުރި އިރު ޓެސްޓްކޮށްފައެއް ނުވެ އެވެ.
އޮކްލެންޑުން ވެލިންޓަނަށް 650 ކިލޯ މީޓަރުގެ ދަތުރު ކުރީ ޕްރައިވެޓް ވެހިކަލެއްގަ އެވެ. އެ މީހުންގެ ދަތުރުގައި ޕަބްލިކް އެއްވެސް ފެސިލިޓީއެއް ބޭނުންކޮށްފައި ނުވާ ކަމަށް ނިއު ޒީލެންޑުގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ޑރ. އޭޝްލީ ބްލޫމްފީލްޑް ވިދާޅުވި އެވެ.
ޕޮޒިޓިވްވި ދެ މީހުން ވެލިންޓަނުގައި ތިބީ އާއިލާއެއްގެ ކައިރީގަ އެވެ. އެ އާއިލާ މިހާރު ވަނީ އައިސޮލޭޓްކޮށްފަ އެވެ.
ބްލޫމްފީލްޑް ވިދާޅުވީ ކަރަންޓީނުގައި ހުންނަ މީހަކު ޚާއްސަ ހާލަތެއްގައި ވެސް ދެން ދޫކޮށްލާނީ ޓެސްޓްކޮށް ނެގެޓިވްވުމުން ކަމަށެވެ.
ޖޫން 8 އިން ފެށިގެން ނިއު ޒީލެންޑަށް ދަތުރުކުރާ އެންމެން ކޮވިޑް-19 އަށް ޓެސްޓްކުރެ އެވެ. އަދި 14 ދުވަހަށް ކަރަންޓީން ކުރެ އެވެ.
ނިއު ޒީލެންޑުން މިދިޔަ ހަފުތާގައި ވަނީ ކޮވިޑް-19 އިން ސަލާމަތްވި ކަމަށް ބަލައި އާދައިގެ ހާލަތަކަށް ހުރިހާ ކަމެއް ވެސް ގެނެސްފަ އެވެ. ނަމަވެސް ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވިދާޅުވެފައި ވަނީ ކޮވިޑް-19 އިން ގައުމު ސަލާމަތްވި ނަމަވެސް އަނެއްކާވެސް އިތުރު ކޭސްތައް ފެނުން އެކަށީގެންވާ ކަމަށެވެ.
ނިއު ޒީލެންޑުގެ ހާލަތު ލެވެލް އެކަކަށް ދަށްކުރި ނަމަވެސް ބޯޑަރު ހުޅުވާލައިފައެއް ނުވެ އެވެ. އެ ގައުމަށް އެތެރެވުމުގެ ހުއްދަ ދެނީ ހަމައެކަނި ނިއު ޒީލެންޑް މީހުންނާއި އެ މީހުންގެ އާއިލާތައް އަދި ހުއްދަ އޮތް މަސައްކަތްތެރިންނެވެ. އެ އެންމެން ވެސް ގައުމަށް އެތެރެވުމަށް ފަހު 14 ދުވަހަށް ކަރަންޓީނަށް ދާން ޖެހެ އެވެ.
ފަސް މިލިއަން މީހުންގެ އާބާދީއެއް އޮތް ނިއު ޒީލެންޑުން ވަނީ 1,506 މީހުން ޕޮޒިޓިވްވެ 22 މީހުން މަރުވެފަ އެވެ.