16 ޖޫން 2020 - 11:29

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިންޕްލޭޝަނަށް މާބޮޑު އަސަރެއް ކޮށްފައި ނުވާ ކަމަށާއި، ތަކެތީގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުނު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން ނެރެފައިވާ "އިން ސްޓޯމީ ސީސް" ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު ވެސް ރާއްޖޭގެ އިންޕްލޭޝަން ހުރީ ދަށް ލެވެލްއެއްގައި ކަމަށެވެ. އަދި ކޮވިޑް-19 ހާލަތާ ގުޅިގެން ވެސް އިންޕްލޭޝަނަށް މާ ބޮޑު އަސަރެއް ކޮށްފައި ވާތަން ނުފެންނަ ކަމަށެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ތަކެތި ގަތުމަށް އޮތް ޑިމާންޑް ދަށްވެ، ޕޮލިސީ ލެވެލްގައި އަގުތައް ހިފެހެއްޓުމަށްޓަކައި އެޅި ހަރުދަނާ ފިޔަވަޅުތައް ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.
ވޯލްޑް ބޭންކުން ބުނީ، ކޮވިޑް-19 ގެ ހާލަތުގެ އެންމެ ކުރީ ކޮޅު ތެލުގެ އަގުތައް ކުޑަކޮށްދީ، ފެނުގެ ހިދުމަތްތަކުން ބޮޑު ޑިސްކައުންޓެއް ސަރުކާރުން ދިން ކަމަށެވެ. މީގެ އިތުރުން އިންޓަނެޓުން ދިން ޑިސްކައުންޓާ އެކު މައުލޫމާތު ހޯދުމާއި މުއާސަލާތީ ހިދުމަތްތަކުގެ އަގު ވެސް 10 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ. ކަރަންޓުގެ އަގުން 40 ޕަސެންޓް ޑިސްކައުންޓް ދޭން ފެށުމުން އޭގެއިން ވެސް އިންޕްލޭޝަން އިތުރަށް ކުޑަވާނެ ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން ކާބޯތަކެތީގެ އަގުތައް ވެސް އެއް ހަމައެއްގައި 3.6 ޕަސެންޓްގައި ހިފެހެއްޓިފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް ރާއްޖޭގެ އިންޕްލޭޝަން ހުރީ 3.6 ޕަސެންޓުގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، ލިބޭ އާމްދަނީ ދަށްވެފައިވާ މި ދަނޑިވަޅު ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ފިޔަވައި އެހެން ހަރަދުތައް ކުރުން ވަނީ މަދުވެފަ އެވެ. ސަރުކާރުން ވެސް މީގެ ކުރިން ބުނެފައިވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ތަކެތީގެ އަގު އިންތިހާ އަށް އުފުލުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.