19 އޮކްޓޯބަރ 2016 - 12:27

ލިޔޯން (އޮކްޓޯބަރު 19) - އިޓަލީ ގައުމީ ޓީމަށް ކުޅެނިކޮށް މީގެ ދެ ހަފުތާ ކުރިން ބޮޑު ގޯހެއް ހެދި ފާޑުކިޔުން އަމާޒުވި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ މޮޅު ކުޅުމާ އެކު ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ އޮލިމްޕިކް ލިޔޯން އަތުން 1-0 އިން ޔުވެންޓަސް މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު ޔުވެންޓަސް ވަނީ ހަތް ޕޮއިންޓް ހަމަކޮށްފަ އެވެ. އެ ޓީމުގެ ލަނޑުގެ ތަފާތުން ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތްއިރު ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ ސްޕެއިނުގެ ސެވިއްޔާ އެވެ. އެ ޓީމު ވަނީ ރޭ ކްރޮއޭޝިއާގެ ޑިނަމޯ ޒެގްރެބް އަތުން 1-0 އިން މޮޅުވެފަ އެވެ. ލިޔޯން ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ޒެގްރެބް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ. ޕޮއިންޓް ލިބައިވާ ގޮތަށް ބަލާއިރު ޔުވެންޓަސް އާއި ސެވިއްޔާ އަށް ދެ ވަނަ ބުރުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.
ރޭގެ މެޗުގެ 54 ވަނަ މިނެޓުގައި ޔުވެންޓަސްގެ މާރިއޯ ލެމީނާ އަށް ރަތްކާޑު ދެއްކިއިރު އެ ޓީމުގެ ހަމައެކަނި ލަނޑު 76 ވަނަ މިނެޓުގައި ޖެހީ ހުއާން ކުއަޑްރާޑޯ އެވެ. އެކަމަކު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ބުފޮން އެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި ލިޔޯންގެ އެލެކްސެންދާ ލަކަޒެޓޭގެ ޕެނަލްޓީ މަތަކޮށް އަދިވެސް އިތުރު ސޭވްތައްކޮށްފަ އެވެ.
"ޓީމަށް އެހީ ވެވުނީތީ ވަރަށް އުފާވެއްޖެ،" ބުފޮން ބުންޏެވެ. "ވަރަށް އުނދަގޫ މެޗެއް މިއީ ނަސީބު ވެސް އެހީތެރިވި. އެކަކު މަދުވީ ނަމަވެސް މެޗު ކާމިޔާބުކުރެވުނީތީ ވަރަށް ހިތްހަމަޖެހޭ."